about 16 hours 1
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ޑިމޮކްރެސީން ހޯދި ކުރިއެރުންތައް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 16 hours 1
އެތައް ބައެއްގެ ބުރަ މަސައްކަތުން ޑިމޮކްރެސީގައި ހޯދި ކުރިއެރުމާއި ދިވެހިރާއްޖޭގެ ނޫސްވެރިކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި ދިވެހީންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނިޔަތެއް ރައީސުލްޖުމްހޫރިއްޔާ ނުގެންގުޅުއްވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އަދަދު ގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކުމުން އެ މައްސަލަ ފުލުހަށް ހުށަހެޅުމަށްފަހު މި ނޫހުން ނެރުނު ނޫސްބަޔާން ރީޕޯސްޓު ކުރައްވައި އެކްސްގައި ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށާއި މީޑިއާ ފްރީޑަމް ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ މި ހާލަތުގައި ލަދެއް ކަމަށެވެ.
"ޑިމޮކްރެސީގެ އުންސުރުތަކަށް އިހުތިރާމުކޮށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާގެ ވެސް އަދި މި ސަރުކާރުގެ ވެސް ނެތްކަން ވަރަށް ސާފު، މިނިވަން ނޫސްވެރިކަމަށް މިވަނީ ނުރައްކަލަށް ހުށަހެޅިފައި،" ޝާހިދު ލިޔުއްވާފައިވެ އެވެ.
"ބުރަ މަސައްކަތުން ޑިމޮކްރެސީގައި ހޯދި ކުރިއެރުންތައް ފުނޑުފުނޑުވުމުގެ ބިރު މިވަނީ ހީވެފައި."
ޝާހިދުގެ އިތުުރުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާއި އެ ނޫން ވެސް ބައެއް ބޭފުޅުން ވަނީ ފިޔާޒުއަށް ރައީސް މުއިއްޒު އިންޒާރު ދިނުން ކުށްވެރިކޮށް އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ދިވެހިރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުގެ ތާރީހަށް ބަލާއިރު މި އިންޒާރުތައް ސީރިއަސްކޮށް ނަގަންޖެހޭ. އެހެން ނޫންނަމަ އިތުރު ނޫސްވެރިއަކު އަނިޔާގެ ޝިކާރައަކަށް ވެދާނެ،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.
ފިޔާޒުއަށް ރައީސް ބިރުދެއްކެވުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިންސާފުވެރިކަމާއެކު އެ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ރޭ ވަނީ ގޮވާލައިފަ އެވެ.
Comment