ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހީވެސް ނުކުރާ ވަރަށް 2024 ވަނަ އަހަރު އުފުލިއްޖެ

17 މާރިޗު 2025 - 03:25 0

އަހުމަދު ދާއޫދު

އ

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކުދިޖަޒީރާ ގައުމުތަކަށް ހުރި ވަރަށްބޮޑު ނުރައްކަލެއް --


ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހީވެސް ނުކުރާ ވަރަށް 2024 ވަނަ އަހަރު އުފުލިއްޖެ

17 މާރިޗު 2025 - 03:25 0

ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހީވެސް ނުކުރާ ވަރަށް 2024 ގައި އުފުލިއްޖެ ކަމަށް, އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނެފި އެވެ.

ނާސާއިން ބުރާސްފަތި ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ވަނީ ކަނޑުގެ ލޮނުގަނޑު ނިމިގެން ދިޔަ އަހަރު އުފުލިފައިވާ މިންވަރު، އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާ ކަމަށެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި ކަނޑުގެ ލޮނުގަނޑު އުފުލިފައިވަނީ 0.59 ސެންޓިމީޓަރު (0.23 އިންޗި) އަށެވެ. މިއީ އަންދާޒާކުރެވުނު 0.17 އިންޗިއަށްވުރެ މަތީ މިންވަރެކެވެ.

ނާސާގެ ފިޒިކަލް އޯޝަނޮގްރަފީ ޕްރޮގްރާމްތަކުގެ ޑިރެކްޓަރު ނަދްޔާ ވިނޮގްރަދޮވާ ޝިފަރ ވިދާޅުވީ، "2024 ވަނަ އަހަރަކީ ރެކޯޑު ފޮތްތަކުގައި ލިޔެވުނު އެންމެ ހޫނު އަހަރު ކަމަށްވާތީ، ދުނިޔޭގެ ކަނޑުތައްވެސް ވަނީ ފުޅާވެ، ފާއިތުވި 30 އަހަރުގެ ތެރޭގައި އެންމެ މަތީ މިންވަރަށް އުފުލިފަ އެވެ."

މި އަހަރުގެ ޖެނުއަރީ މަހު ނާސާއިން ވަނީ 2024 ވަނަ އަހަރަކީ ދުނިޔޭގެ އެވްރެޖް ސަތަހީ ފިނިހޫނުމިން އެންމެ މަތިވި އަހަރު ކަމަށް ކަށަވަރުކޮށްފައެވެ. އެ އިދާރާގެ 20 ވަނަ ގަރުނުގެ ބޭސްލައިންއާ އަޅާބަލާއިރު، 2024 ވަނަ އަހަރުގެ ގްލޯބަލް ފިނިހޫނުމިން ވަނީ 1.28 ޑިގްރީ ސެލްސިއަސް (2.3 ޑިގްރީ ފެރެންހައިޓް) އިތުރުވެފައެވެ.

ކުރީގެ އަހަރުތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ތިންބައިކުޅަ ދެބައި ސަބަބަކަށްވެފައިވަނީ ގްލެސިއަރުތަކާއި އައިސް ފަށަލަތައް ވިރުމުން އުފެދޭ ފެނެވެ. އަދި ތިންބައިކުޅަ އެއްބައި ސަބަބަކަށްވެފައި ވަނީ ތާމަލް އެކްސްޕެންޝަން ނުވަތަ ހޫނުވުމުގެ ސަބަބުން ކަނޑުގެ ފެން އުފުލުުމެވެ. ނަމަވެސް 2024 ވަނަ އަހަރު މި ނިސްބަތް ވަނީ އިނދިކޮޅަށް ބަދަލުވެފަ އެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ތިންބައިކުޅަ ދެބައި ސަބަބަކަށްވެފައިވަނީ ތާމަލް އެކްސްޕެންޝަނެވެ.

ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ކަނޑުގެ ލޮނުގަނޑު އުފުލުމާބެހޭ ދިރާސާވެރިއެއް ކަމުގައިވާ ޖޮޝް ވިލިސް ވިދާޅުވީ، "2024 ވަނަ އަހަރު ފެނުނު އުފުލުން އަންދާޒާކުރި މިންވަރަށްވުރެ ވަނީ މަތިވެފަ އެވެ. ކަނޑުގެ ލޮނުގަނޑު އަދިވެސް ހުއްޓުމެއްނެތި، އުފުލެމުންދާ ކަމަށާއި، އަދި އޭގެ ރޭޓް ވެސް ދަނީ އަވަސްވަމުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ހޯދުންތަކުން ދައްކައިދެނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ އިތުރަށް ގޯސްވަމުންދާކަމެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް، ޚާއްޞަކޮށް ކަނޑާ ކައިރީގައި އަދި ތިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށްތައް ފެންބޮޑުވުމާއި، ގިރުމުގެ މައްސަލަތައް އިތުރުވެ، ރަށްރަށުގެ ދިރިއުޅުމަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ނާސާގެ މި ދިރާސާއިން ދައްކައިދެނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ އަންދާޒާކުރި މިންވަރަށްވުރެ ބާރު ސްޕީޑެއްގައި ކުރިއަށްދާކަމެވެ. މިކަމަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ސަމާލުކަން ދޭންޖެހޭ، އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ މައްސަލައެއް ކަމުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި ދިރާސާގެ ނަތީޖާތަކުން އިތުރަށް ހާމަވަނީ ކާބަން ޑައިއޮކްސައިޑް ފަދަ ވިހަ ގޭސްތައް ޖައްވަށް ދޫކުރުން މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމެވެ. އެހެންނޫންނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ އިތުރަށް ގޯސްވެ، އޭގެ ނޭދެވޭ އަސަރުތައް އިތުރުވެގެންދާނެ ކަމަށް ސައިންޓިސްޓުން ވަނީ އިންޒާރުދީފައެވެ.