Advertisement

އަނިޔާގެ ޝިކާރައަކަށް ނޫސްވެރިއަކު ނުވަނީސް އެމީހުންނަށް ދޭ އިންޒާރުތައް ސީރިއަސްކޮށް ނަގަންޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ ޕީޕީއެމް ނުވަތަ ޕީއެންސީ ފިކުރުގެ ވެރިކަމެއް އުފެދޭ ކޮންމެ ފަހަރަކު ނޫސްވެރިންނަށް ބިރު ދައްކައި އަޑު މަޑުކުރަން އުޅުމަކީ ދިވެހީންނަށް އާ ކަމެއް ނޫން ކަމަށް -- ފޮޓޯ: މިރާން ނާޝިމް / އަދަދު


އަނިޔާގެ ޝިކާރައަކަށް ނޫސްވެރިއަކު ނުވަނީސް އެމީހުންނަށް ދޭ އިންޒާރުތައް ސީރިއަސްކޮށް ނަގަންޖެހޭ: ފައްޔާޒް

ޕީއެންސީ ފިކުރުގެ ވެރިކަމެއް އުފެދޭ ކޮންމެ ފަހަރަކު، އެ މީހުންގެ ވިސްނުމާ ދިމާނުވާ މީހުންނަށް ބިރުދައްކައި ފުރައްސާރަ ކުރުމަކީ ދިވެހިންނަށް އާ ކަމެއް ނޫން ކަމަށާއި އަނިޔާގެ ޝިކާރައަކަށް ނޫސްވެރިއަކު ނުވަނީސް އެމީހުންނަށް ދޭ އިންޒާރުތައް ސީރިއަސްކޮށް ނަގަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އަދަދު ގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވުމާ ގުޅިގެން މި ނޫހުން ނެރުނު ނޫސް ބަޔާން ރީޕޯސްޓު ކުރައްވައި އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕީއެންސީ ފިކުރުގެ ވެރިން ނޫސްވެރިންނަށް ބިރު ދެއްކުމާއި ދެކޮޅުވެރިންގެ އަޑު މަޑު ކުރުވަން މަސައްކަތް ކުރުމަކީ ދިވެހިންނަށް އާ ތަޖުރިބާއެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުގެ ތާރީހަށް ބަލާއިރު މި އިންޒާރުތައް ސީރިއަސްކޮށް ނަގަންޖެހޭ. އެހެން ނޫންނަމަ އިތުރު ނޫސްވެރިއަކު އަނިޔާގެ ޝިކާރައަކަށް ވެދާނެ،" ފައްޔާޒް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީ ނުވަތަ އެ ފިކުރުގެ ބަނޑުން އުފަންވި ކޮންމެ ޕާޓީއަކަށް ވެރިކަން ލިބުނު ނަމަވެސް، އެ މީހުންނާ ހިޔާލު ތަފާތުވާ މީހުންނަށް ބިރުދައްކައި ފުރައްސާކުރާ ވެރިންގެ އަނިޔާވެރިކަން ފެންނަ ކަމަށެވެ.

ފައްޔާޒް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ފިޔާޒުއަށް ރައީސް މުއިއްޒު ގުޅުއްވައި ބިރުދެއްކެވި މައްސަލަ މި ނޫހުން ފުލުހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިންސާފުވެރިކަމާއެކު އެ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ވަނީ ގޮވާލައިފަ އެވެ. އަދި އެ ޖަމިއްޔާއިން ވަނީ ރައީސްގެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ.