ހާލަންޑަށް ރެކޯޑެއް އެކަމު ސިޓީ އަށް މޮޅެއް ނުވެވުނު

about 20 hours 0


ހާލަންޑަށް ރެކޯޑެއް އެކަމު ސިޓީ އަށް މޮޅެއް ނުވެވުނު

about 20 hours 0

މެންޗެސްޓާ (މާޗް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މަދުން މެޗު ކުޅެގެން އެންމެ އަވަހަށް 100 ގޯލުގައި ހިއްސާ އޮތް ކުޅުންތެރިޔާގެ ރެކޯޑް އާލިން ބްރައުޓް ހާލަންޑް ހެދި މެޗުގައި މެންޗެސްޓާ ސިޓީން، 2-2 އިން ބްރައިޓަންއާ އެއްވަރުވެއްޖެ އެވެ.

ހާލަންޑް، 94 މެޗުން 100 ގޯލުގެ ހިއްސާދާރަކަށް ލީގުގައި ވީއިރު، އޭގެ ތަފްސީލަށް ބަލާއިރު، އޭނާ ވަނީ 84 ގޯލު ޖަހައި، 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ކުރިން މި ރެކޯޑް އޮތީ، 100 މެޗުން 100 ގޯލުގައި ހިއްސާ ހަމަކުރި އިނގިރޭސި ލެޖެންޑަރީ ފޯވާޑް، އެލަން ޝިއަރާ އަތުގަ އެވެ. ޝިއަރާ ވަނީ 100 މެޗުން، 79 ގޯލު ޖަހައި، 21 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސިޓީގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް 11 ވަނަ މިނިޓްގައި ހާލަންޑް ލީޑުނަގައިދިނީ ޕެނަލްޓީ އަކުންނެވެ. އެކަމަކު، އޭގެ ދިހަ މިނިޓް ފަހުން، ޕެލްވިސް އެސްޓޫޕީނިއަަން ވަނީ ގޯލެއް ޖަހައި، ބްރައިޓަން އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ މިސްރު ފޯވާޑް، އޮމަރު މާމޫޝް ޖެހި މޮޅު ގޯލުން އެ ޓީމުން އަލުން ލީޑުނެގި އެވެ.

އެކަމަކު، ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ މެޗުގައި، ދެ ވަނަ ފަހަރަށް ބްރައިޓަން އިން އެއްވަރުކުރި އެވެ. މިއީ، ސިޓީގެ އުޒްބެކިސްތާން ޑިފެންޑަރު، އަބްދުކޮދީރު ހުސާނޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުން މޮޅުވާން ގޯލެއް ޖަހަން ބްރައިޓަންގެ ކާލޯސް ބަލީބާ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ލީގުގެ ފަސް ވަނައިގައި ސިޓީ އޮތީ 29 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 28 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި މިރޭ ޗެލްސީން ކުޅޭނީ ދެ ވަނައިގައި އޮތް އާސެނަލާ ދެކޮޅަށެވެ.