Advertisement

އަދަދުގެ ނޫސްވެެރިންނަށް އެކި ފަހަރުމަތިން ދީފައިވާ އިންޒާރުތަކާ ގުޅިގެން ފިޔަވަޅު ނާޅާތީ އެމްޖޭއޭގެ ކަންބޮޑުވުން

15 މާރިޗު 2025 - 22:51 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޖޭއޭގެ ބައްދަލުވުމެއްގެ ތެރެއިން: އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސް ގުޅުއްވައި އިންޒާރު ދެއްވުން އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފައި -- ފޮޓޯ: އެމްޖޭއޭ


އަދަދުގެ ނޫސްވެެރިންނަށް އެކި ފަހަރުމަތިން ދީފައިވާ އިންޒާރުތަކާ ގުޅިގެން ފިޔަވަޅު ނާޅާތީ އެމްޖޭއޭގެ ކަންބޮޑުވުން

15 މާރިޗު 2025 - 22:51 3

އަދަދު ނޫހުގެ ނޫސްވެރިންނަށް އެކި ފަހަރުމަތިން ދީފައިވާ އިންޒާރުތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނާޅާތީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަދަދުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވުން ކުށްވެރި ކުރާ ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ގޮވައިލާ ކަމަށެވެ.

"އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރު މަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ވެސް މި ޖަމިއްޔާއިން ކަންބޮޑުވާ ކަމެކެވެ،" އެމްޖޭއޭއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މީޑިއާއަކުން ގެނެސްދޭ ހަބަރެއްގައި ނުވަތަ ކޮންޓެންޓެއްގައި މައްސަލައެއް އުޅޭނަމަ، އެކަމެއް ހުށަހަޅަން ޖެހޭނީ އެކަމާ ބެހޭ މުއައްސަސާއަށް ކަމަށެވެ. އެ ނޫން ގޮތަކަށް ނޫސްވެރިންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމައް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދަދުގެ ނޫސްވެރިންނަށް ދީފައިވާ އިންޒާރުތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅު ކުރިއިރު، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ފާއިތުވީ އެއް އަހަރުދުވަހުގެ ތެރޭގައި ތަކުރާރުކޮށް މި ނޫހުގެ އެތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ އާއިލާތަކަށް ވެސް އިންޒާރު ދީ ބިރު ދައްކާފައިވެ އެވެ.

އެ މައްސަލަތައް މި ނޫހުގެ ފަރާތުން މީގެ ކުރިން ވެސް ފުލުހަށް ހުށަހަޅާފައި ވާނެ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެފަދަ އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކަށް ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.

އެތައް ފަހަރެއްގެ މަތިން މި ނޫހުގެ އެތައް ނޫސްވެރިއަކަށް އެކި މީހުން އިންޒާރުދީ ބިރު ދެއްކުމަށްފަހު، ރޭ ރައީސް މުއިއްޒު ވެސް ވަނީ މި ނޫހުގެ ސީއީއޯ، ފިޔާޒުއަށް ފޯނުން ގުޅުއްވައި ބިރު ދައްކަވައިފަ އެެވެ.

ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.

"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް ވިދާޅުވި އެވެ.

ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަަމަށް ވިދާޅުވެ ރައީސް އިންޒާރު ދެއްވިއިރު، ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ މި ނޫހުގައި ރިޕޯޓު ވެސް ކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މި ނޫހުގައި ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކައިންނެވެ.