Advertisement

ފިޔާޒުއަށް ރައީސުލްޖުމްހޫރިއްޔާ އިންޒާރުދެއްވުން ކުށްވެރިކޮށް، އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކޮށްދޭން އެމްޖޭއޭއިން ގޮވާލައިފި

15 މާރިޗު 2025 - 22:50 5

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރުދެއްވައި ބިރުދައްކަވައިފައި -- ފޮޓޯ: ރައީސް އޮފީސް


ފިޔާޒުއަށް ރައީސުލްޖުމްހޫރިއްޔާ އިންޒާރުދެއްވުން ކުށްވެރިކޮށް، އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގު ކޮށްދޭން އެމްޖޭއޭއިން ގޮވާލައިފި

15 މާރިޗު 2025 - 22:50 5

އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރުދެއްކެވުން ކުށްވެރިކޮށް އެ މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މޯލްޑިވްސް ޖޯނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެމްޖޭއޭއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އިންޒާރުގެ ސަބަބުން ފިޔާޒު އާއި މި ނޫހުގެ ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، ނޫސްވެެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މީޑިއާތަކުން ގެނެސްދޭ ހަބަރެއް ނުވަތަ ކޮންޓެއްޓެއްގައި ގޯހެއް ވާނަމަ، ހުށަހަޅަންޖެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ މި ޖަމިއްޔާއިން އަބަދުވެސް ބާރުއަޅާ ގޮތެވެ، އެ ނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ މި ޖަމިއްޔާއިން ކުށްވެެރި ކުރާ ކަމެކެވެ،" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.

އަދަދު ނޫހުގެ ސީއީއޯ، ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ ރޭ އިރާކޮޅު 7:04 ގަ އެވެ. ފިޔާޒުއަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވަ އެވެ.

މިނެޓެއްހާ އިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒުއަށް ރައީސް އިންޒާރު ދެއްވީ އަދަދު ނޫހާއި ފިޔާޒު އާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އެވެ.

އަދަދު ނޫހުގެ ނޫސްވެެރިންނަށާއި ފިޔާޒުއަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒުއަށް އިންޒާރު ދެއްވި އެވެ.

"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް ވިދާޅުވި އެވެ.

ފިޔާޒުއަށް ފޯނުން ގުޅުއްވައި ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލަ މި ނޫހުގެ ފަރާތުން ވާނީ މިރޭ ފުލުހަށް ހުށަހަޅައިފަ އެވެ.

އެ މައްސަލަ ވީހާވެސް އަވަހަކަށް އިންސާފުވެރިކަމާއެކު ތަހުގީގު ކޮށްދިނުމަށް އެމްޖޭއޭއިން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.

ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަަމަށް ވިދާޅުވެ ރައީސް އިންޒާރު ދެއްވިއިރު، ރައީސްގެ އާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ މި ނޫހުގައި ރިޕޯޓު ވެސް ކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް މި ނޫހުގައި ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކައިންނެވެ.