އެތުލެޓިކޯގެ ޕެނަލްޓީ މައްސަލަ ވީ ބަހުސަކަށް!؟

13 މާރިޗު 2025 - 07:45 0


އެތުލެޓިކޯގެ ޕެނަލްޓީ މައްސަލަ ވީ ބަހުސަކަށް!؟

13 މާރިޗު 2025 - 07:45 0

މެޑްރިޑް (މާޗް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ރޭ ޕެނަލްޓީ ޝޫޓައުޓްގައި އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ނިންމި މައްސަލައިގައި ކޯޗުންނާއި މީޑިއާ އަދި ސަޕޯޓަރުންގެ މެދުގައި ބަހުސަކަށްވެއްޖެ އެވެ.

ފުރަތަމަ ލެގުގައި 2-1 އިން ރެއާލް ދަނޑުގައި ބަލިވި އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި ދެ ވަނަ ލެގު ފަށައިގެން 27 ސިކުންތު ތެރޭގައި ލީޑުނަގައި އެގްރިގޭޓުން އެއްވަރުކުރި އެވެ. އެތުލެޓިކޯ އަށް މި ގޯލު ޖަހައިދިނީ އިނގިރޭސި މިޑްފީލްޑަރު ކޮނާ ގެލަގާ އެވެ. ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ގޯލެއް ނުޖެހި، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ރެއާލްގެ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ ޖެހި ޕެނަލްޓީތައް ކާމިޔާބުވިިއިރު، ލޫކަސް ވަޒްކޭޒް ޖެހި ޕެނަލްޓީ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތު ޖެހި ޕެނަލްޓީ ކާމިޔާބުވެފައިވަނިކޮށް، އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ގޯލަށް ވަން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އަލްވަރޭޒް ޕެނަލްޓީ ފޮނުވާލިއިރު، ކައްސާލައިގެން ވެއްޓުނުއިރު، ދެ ޓަޗު ބޯޅައިގައި ޖެހުމުން، އެ ޕެނަލްޓީ ބަލައިނުގަންނަ ކަމަށެވެ. އެތުލެޓިކޯ އިން އަންހެލް ކޮރެއާ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، އެ ޓީމުގެ މާކޯސް ލޮރެންޓޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ރެއާލުގެ އެންޓޯނިއޯ ރޫޑިގާ ވަނީ ޕެނަލްޓީ ވައްދާލައި އެ ޓީމު މޮޅު ކޮށްދީފަ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ، މިއީ ވީއޭއާރުން ޕެނަލްޓީއެއްގައި މި ގޮތަށް ނިންމި ފުރަަތަމަ ފަހަރު ކަމަށާއި އަލްވަރޭޒް ފައިގައި ދެ ފަަހަރު ބޯޅަ ޖެހުނު މަންޒަރު ފެނުނު މީހަކު ދަނޑުގައި ހުރި ނަމަ އޭނާ އަށް އެކަން ސާފުކޮށްދޭން އެދޭ ކަމަށެެވެ.

"އަހަރެން ބޭނުމީ އެއްވެސް މީހަކަށް އެ މަންޒަރު (އަލްވަރޭޒް ދެ ޓަޗް ޖެއްސިތަން) ފެނުނު މީހަކު ހުރިއްޔާ އެކަން އަހަންނަށް ސާފުކޮށްދޭން،" ހިތްހަމަނުޖެހިފައި ހުރި ސިމިއޯނީ ބުންޏެވެ.

ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ވަނީ، ވީއޭއާރް އިން ނިންމި އެ ނިންމުން ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި އަންޗެލޮޓީ ވަނީ އޭނާ އަށް އަލްވަރޭޒް ފައިގައި ދެ ފަހަރު ބޯޅަ ޖެހުނު މަންޒަރު ސާފުކޮށް ފެނުނު ކަމަށް ވެސް ބުނެފަ އެވެ.