13 މާރިޗު 2025 - 07:07 0
އަމަން ހަލީމް
މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރަން އައިސްފައި އޮތް ބޯޓެއް: މިދިޔަ މަހު އެންމެ ގިނައިން އެތެރެކުރީ ކާނާގެ ބާވަތްތައް -- ފޮޓޯ: އަބްދުالله އިޔާން/އަދަދު
13 މާރިޗު 2025 - 07:07 0
މިދިޔަ މަހުގެ ތެރޭގައި ކަސްޓަމްސްއަށް އެތެރެކުރި މުދަލުގެ އަގު އޭގެ ކުރީ މަހަށް ވުރެ ދަށްވީ ނަމަވެސް އެކްސްޕޯޓާއި އާމްދަނީ ވެސް މައްޗަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްގެ މިދިޔަ މަހުގެ މަންތުލީ ސްޓްޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި އެ މަހުގައި 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. މިއީ އޭގެ ކުރީ މަހު އިމްޕޯޓު ކުރި 5.2 ބިލިއަން ރުފިޔާގެ މުދަލަށް ވުރެ 800 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އިމްޕޯޓު ކުރި މުދަލުގެ އަގު މަހުންމަހަށް ދަށަށް ދިޔަ ނަމަވެސް, ކަސްޓަމްސްގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެ ގޮތުން ޖެނުއަރީގައި ކަސްޓަމްސްއަށް 287 މިލިއަން ރުފިޔާ ލިބުނުއިރު, މިދިޔަ މަހު 363 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކުރީ ޔޫއޭއީންނެވެ. އެ ގައުމުން އެކަނި 1.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު, ދެން އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިއާ އާއި ޗައިނާއިންނެވެ. މިއީ ޖެނުއަރީގައި ވެސް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކެވެ.
އިމްޕޯޓު ކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު, އެންމެ ގިނައިން އެތެރުކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. މިއީ ރޯދަ މަހާ ދިމާވާ ދުވަސްވަރު އާންމުކޮށް އިމްޕޯޓު ކުރާ މުދަލުގެ ބާވަތްތަކުން ފެންނަ ޓްރެންޑެކެވެ.
މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ އަގު ވެސް އޭގެ ކުރީ މަހާއި ކުރީ އަހަރުގެ ފެބްރުއަރީއަށް ވުރެ ވެސް އިތުރެވެ. އެކްސްޕޯޓު ކުރި މުދަލުގެ އަގު 223 މިލިއަން ރުފިޔާއަށް އަރާފައިވާއިރު, މިދިޔަ އަހަރުގެ ފެބްރުއަރީގައި އެކްސްޕޯޓު ކުރީ 191 މިލިއަން ރުފިޔާގެ މުދަލެވެ.
ކަސްޓަމްސްގެ އާމްދަނީ އިތުރުވެފައި މިވަނީ, ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުގެ ދަށުން ޑިއުޓީ އާމްދަނީ ދަށްވެފައިވާ ކަމުގެ ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގަ އެވެ. ނަމަވެސް މި ހިސާބުތަކަށް ބަލާއިރު, ޑިއުޓީ އާމްދަނީއަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަކަށް ނުދައްކަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment