about 12 hours 0
ލީވާން އަލީ ނާސިރު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
about 12 hours 0
މިއަހަރަށް ލަފާކުރި ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް އާމްދަނީ ނުހޯދޭތީ ހަރަދު ކުޑަކުރަން ރާވާފައިވާ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް، ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރަކަށް ކުރިން ހުންނެވި އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަަހަރުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭންގައިވާ ގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5.5 ބިލިއަން ރުފިޔާ ކަމަށާއި އެއީ ލަފާކުރި މިންވަރަށް ވުރެ 39.5 ޕަސެންޓުގެ ދަށްވުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، ލިބިފައިވަނީ އެންމެ 40 މިލިއަން ރުފިޔާ ކަމަށާއި ބޭރުގެ ލޯނުގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތަސް، ލިބިފައި ވަނީ 300،000 ޑޮލަރު ކަމަށް އަޒާން ވިދާޅުވި އެވެ.
"މިއަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ އަދި އައިއެމްއެފް އިން ލަފާދީފައިވާ ގޮތަށް ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމްތައް ވަގުތުން ވަގުތަށް ހިންގަން ޖެހޭ،" އަޒާން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކަށް އަޒާން ހުންނެވިޔަސް ސަރުކާރުގެ ބޭކާރު ހަރަދުތަކާއި، މާލީ ސިޔާސަތު ތަންފީޒުކުރާ ގޮތަށް ކޮމިޓީތަކުގައި ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑައިރެކްޓް ސަބްސިޑީތައް އުވާލުމާއި އާސަންދަ އާއި ވެލްފެއާ ނިޒާމު ރިފޯމުކުރުމާއި ސަރުކާރު ކުންފުނިތައް ރިފޯމްކުރުމެވެ.
މިއީ 2024 ގެ ބަޖެޓުގައި ވެސް ހަރަދު ކުޑަކުރަން ހިމެނި ކަންކަމެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ މި އަހަރުގެ ތެރޭގައި މިއިން އެއްވެސް ސިޔާސަތެއް ތަންފީޒު ނުވެ، ދައުލަތުގެ ބަޖެޓުން އެކަންކަމަށް ބޮޑު ހަރަދެއް ކުރަން ޖެހުނެ އެވެ.
މި އަހަރުގެ ތެރޭގައި ވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން ލަސްވެއްޖެ ނަމަ، ސަބްސިޑީ އާއި އާސަންދަ އާއި ވެލްފެއާ ހަަރަދުތަކަށް ކޮންމެ މަހެއްގައި 254 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސުން އަންދާޒާކުރެ އެވެ.
މިއާ އެކީ، ޖުމްލަ ހަރަދު 51.4 ބިލިއަން ރުފިޔާއަށް އިތުރުވެ، 2.3 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ޖެހޭނެ ކަމަށް ވެސް ފިނޭންސުގެ ލަފާކުރުންތަކުން ދައްކަ އެވެ. މިއާ އެކީގައި މިހާރު 9.3 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓު 11.7 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ސަރުކާރުން ރާވާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާށެވެ.
އިގުތިސޯދީ އަންދާޒާތަކުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ގޯސްވުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފެބްރުއަރީ 19 ވަނަ ދުވަހު ބުނެފައިވެ އެވެ.
މެކްރޮ އިކޮނޮމިކް ހަމަޖެހުމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ޓަކައި ރާއްޖެ އޮތީ މުހިންމު ދަނޑިވަޅެއްގައި ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.
"2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ހަލުވިކަމާއެކު ތަންފީޒުކުރުމަކީ، އިމްބެލެންސްތައް މަދުކޮށް، އިގުތިސޯދީ ހަމަޖެހުން ގާއިމުކުރުމަށް މުހިންމު ކަމަކަށް ވެގެންދާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment