about 13 hours 0
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު. -- ފޮޓޯ: އަދަދު
about 13 hours 0
ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެކަހެރިކޮށްފައި ހުއްޓާ، އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކަންކަން ހިންގުން ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާ ހަވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.
ގިނަ މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ފަލާހު އާ ޕާޓީގެ ހިންގުމުގެ ކަންކަން ރައީސް މުއިއްޒު ހަވާލުކުރެއްވީ އަނގަބަހުންނެވެ. ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ މުއިއްޒު މިކަން ކުރެއްވިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށްވެ އެ ޕާޓީގެ އިސް އޮފިޝަލުން ބުންޏެވެ.
މިކަމާ ގުޅިގެން ފަލާހު އާ ސުވާލުކުރުމުން ޖަވާބެއް ދެއްވަން އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ. މެސެޖުން ފޮނުވި ސުވާލުތަކަށް ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު އުފުލަނީ ޗެއާޕާސަން އެވެ. އެ މަގާމުގައި ހުންނަ މީހަކު ދުރުކުރުން ނުވަތަ އެކަހެރިކޮށް ޕާޓީ ހިންގުން އެހެން މީހަކާ ހަވާލުކުރުމަކީ ޕާޓީގެ ރައީސަށް ލިބިދޭ ބާރެއް ނޫނެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަގާމުން މީހަކު ދުރުކުރެވޭނީ އެ ޕާޓީގެ މެންބަރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް މިހާތަނަށް އަބްދުއްރަހީމް ވަކިކުރަން ނުވަތަ އެމަނިކުފާނާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ޕީއެންސީގެ އެތެރޭގެ އެއްވެސް ގުނަވަނަކުން ނިންމާފައެއް ނުވެ އެވެ.
ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ސިޔާސީ ޕާޓީއެއް ހިންގުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ހިލާފު ކަމެކެވެ.
އަބްދުއްރަހީމް ޕާޓީގެ ހިންގުމުން އެކަހެރިކުރަން ރައީސް ނިންމެވީ އެ ދެބޭފުޅުންގެ ދެމެދު ޖެހިފައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައީ ޖެނުއަރީ 28، ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.
އެ ދުވަހު އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ. އެއަށް ފަހު ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ވަކިން ބައްދަލު ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ރޭ މަޖިލީހުގައި ބޭއްވި ތަރީވީހު ސަޔަކުން އަދި މިދިޔަ މަހު ރައީސް އޮފީހުގައި ފަލާހު އާއެކު ދެބޭފުޅުން ބައްދަލުވި އެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ އަދަދު އާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment