Advertisement

ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖެ އާއި ބޫޓާން އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

12 މާރިޗު 2025 - 15:32 0

މިދިޔަ އަހަރު ބޭއްވި އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިން.--- ފޮޓޯ: އަދަދު ސްޕޯޓްސް


ސާފް 19 އަހަރުން ދަށުގެ މުބާރާތް: ރާއްޖެ އާއި ބޫޓާން އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

12 މާރިޗު 2025 - 15:32 0

އަންނަ މެއި މަހު ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ އާއި ބޫޓާން އަދި ބަންގްލަދޭޝް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިއީ، ސާފް އިން، 18، 19 އާއި 20 އަހަރުން ދަށަށް ހާއްސަކޮށް، ބާއްވާ ހަތް ވަނަ މުބާރާތެވެ. ސާފް އިން އެ އަހަރެއްގެ މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ، އޭއެފްސީ ކޮލިފައިން އަށް ވެސް ބަލައި، ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސާފް 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރު މުބާރާތް ބޭއްވީ 20 އަހަރުން ދަށަށެެވެ. އެ ގޮތުން، އެ މުބާރާތުގައި އިންޑިއާ އާއި ބޫޓާނާ ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ މެއި 9-18 އަށް އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގަ އެވެ. މެޗުތައް ކުޅޭނީ 15،000 މީހުންގެ ޖާގައިގެ ޔުޕިއާ، ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ތިން ފަަހަރު ހޯދާފައިވާ އިންޑިއާ އިން ގްރޫޕް ބީގައި ވާދަކުރާއިރު، އެ ގްރޫޕްގައި ދެން އޮތީ ދެ ފަހަރު ޗެމްޕިއަންކަން ހޯދި ނޭޕާލްގެ އިތުރުން ސްރީ ލަންކާ އެވެ.

މިއީ، އިންޑިއާގައި ސާފްގެ އުމުރުފުރާ މުބާރާތެއް ހޯސްޓްކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 2022 ވަނަ އަހަރު ބުބަނޭޝްވަރުގައި ސާފް 20 އަހަރުން ދަށުގެ މުބާރާތާއި 2022 ވަނަ އަހަރު ޖަމްޝޭދުޕޫރުގައި ސާފް 18 އަހަރުން ދަށުގެ މުބާރާތް އަދި ކަލްޔާނީގައި 2019 ވަނަ އަހަރު ސާފް 15 އަހަރުން ދަށުގެ މުބާރާތް ހޯސްޓްކުރި އެވެ.