Advertisement

ޓޫރިސްޓް ފެސިލިޓީތައް އިޝްތިހާރު ކުރުމުގެ ބާރުތައް ވެސް ސަރުކާރުގެ މުށުތެރެއަށް ލަނީ

12 މާރިޗު 2025 - 13:30 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ސިޔާމް ވޯލްޑް. ދިވެހި ރިސޯޓުތަކާއި ގެސްޓްހައުސްތަކުން މިހާރު ވެސް އިޝްތިހާރު ކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައި --- ފޮޓޯ: ސިޔާމް ވޯލްޑް


ޓޫރިސްޓް ފެސިލިޓީތައް އިޝްތިހާރު ކުރުމުގެ ބާރުތައް ވެސް ސަރުކާރުގެ މުށުތެރެއަށް ލަނީ

12 މާރިޗު 2025 - 13:30 1

ދިވެހިރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމާއި ގުޅޭ ގަވާއިދެއް ހަދައި އެ ތަންތަނާ ބެހޭ މައުލޫމާތު އާންމު ކުރުމުގައި އެ ގަވާއިދަށް އަމަލުކުރުން ލާޒިމުކޮށް ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނު ބަދަލުކުރަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒު އެވެ. މި ބިލުގައި މައިގަނޑުކޮށް އޮތީ ތަރައްގީ ކުރަން ބަންދު ކުރުމަށްފަހު އަލުން ހުޅުވަން ކަނޑައަޅާފައި އޮތް ތަރީހަށް ރިސޯޓެއް ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ރިސޯޓުތައް އަތުލެވޭ އިޖުރާއަތްތަކެވެ.

ނަމަވެސް، އެ ބިލުގެ 45 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށް އިޝްތިހާރު ކުރަން ހުއްދަ ނަގަން ޖެހޭ ގޮތަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ ކުރިން ޓޫރިސްޓު ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރަން ސަރުކާރުން ވަކި ހުއްދައެއް ނަގަން ނުޖެހެ އެވެ.

"ޓޫރިސްޓު ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމުގައި އާއި އެ ތަންތަނާ ބެހޭ މައުލޫމާތު އާންމު ކުރުމުގައި އަމަލުކުރަން ވާނީ، މި ގާނޫނުގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން،" ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގެ ބަހުސްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރެއްގެ ގޮތުގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލު ކުރައްވާ ޑރ. އަހްމަދު ޝަމްހީދު ވަނީ މިކަމާ ގުޅޭ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ޓޫރިސްޓު ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމަށް ވެސް ގަވާއިދެއް ހެދިގެންދާނެ. މީގެ މާނައަކީ މީގެ ފަހުން ރިސޯޓުތައް އިޝްތިހާރު ކުރަން ވެސް މި ޖެހެނީ ސަރުކާރުން އެދޭ ގޮތަށް ނަން ބޯޑުތައް ވެސް ހުންނަން މި ޖެހެނީ. ސަރުކާރުން ހަދާ ގަވާއިދެއްގެ ތެރެއިން އެ ގަވާއިދަށް ފެތޭ ގޮތަށޭ،"

އެއީ ވެސް ރިސޯޓުތަކަށް އޮތް އިތުރު ނުރައްކަލެއް ކަމަށާއި އެއާއެ ރިސޯޓުތަކުން އިތުރު ފީތައް ދައްކަން ޖެހި ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ސިނާއަތަކަށްވާއިރު އެ ހިދުމަތް ދޭ ރިސޯޓުތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީތަކުން މިހާރު ވެސް އިޝްތިހާރު ކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގަ އެވެ. އަލަށް އެކުލަވާލާ ގަވާއިދާ އެކު އަނެއްކާ ވެސް ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުން ބޮޑު ބުރަައެއް އުފުލަން ޖެހޭނެ އެވެ.