މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބާއްވަން ނިންމައިފި

11 މާރިޗު 2025 - 13:01 0

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާން އާއި ރާއްޖެ ބައްދަލުކުރި މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިން. ރާްއްޖޭން ވަނީ ސަރަހައްދީ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައި --- ފޮޓޯ: އަދަދު ސްޕޯޓްސް


މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބާއްވަން ނިންމައިފި

11 މާރިޗު 2025 - 13:01 0

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ވާދަވެރި ފުޓްބޯޅަށް މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް މި އަހަރު ސްރީ ލަންކާގައި ބާއްވަން ނިންމައިފި އެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ އިންޑިއާގެ ބެންގަލޫރުގައި 2023 ވަނަ އަހަރު އެވެ. އެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުވެއިތު ބަލިކޮށް ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ރެކޯޑު ނުވަ ވަނަ ފަހަރު ހޯދީ އިންޑިއާ އިންނެވެ. ލަންކާގެ ފުޓްބޯލަ ފެޑެރޭޝަން ސަސްޕެންޑުކޮށްފައި އޮތުމާ ގުޅިގެން އެ ގައުމަށް އެ އަހަރުގެ މުބާރާތުގައި ވާދަނުކުރެވެ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންސްޝިޕް، ޖޫން 22 އިން ޖުލައި 5 އަށް އޮންނަ މުބާރާތުގައި ސާކްގެ ހަތް ގައުމު ވެސް ވާދަކުރާނެ އެވެ.

ލަންކާގައި ސާފް ޗެމްޕިއަންޝިޕް މި ބާއްވަނީ 17 އަހަރަށް ފަހު އެވެ. އެންމެ ފަހުން ލަންކާގައި ސާފް ޗެމްޕިއަންޝިޕް ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި މުބާރާތުގައި ލަންކާގެ ކޯ-ހޮސްޓަކީ ރާއްޖެ އެވެ.

ލަންކާގެ ވެރި ރަށް ކޮލޮމްބޯގައި ކުޅުނު ފައިނަލްގައި 1-0 އިން އިންޑިއާ ބަލިކޮށް ފުރަތަމަ ފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ރާއްޖެއިން ހޯދި އެވެ. އޭގެ ފަހުން 2018 ގައި ވެސް އިންޑިއާ ބަލިކޮށް ރާއްޖޭން ޗެމްޕިއަންކަން ހޯދި އެވެ.

ލަންކާއިން ވަނީ ދެކުނު އޭޝިއާގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދައިފަ އެވެ. އެއީ މީގެ 30 އަހަރު ކުރިން ވެރިރަށް ކޮލޮމްބޯގައި ކުޅުނު ފައިނަލްގައި 1-0 އިން އިންޑިއާ ބަލިކޮށްގެންނެވެ.

މި މުބާރާތް ލަނަކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސިފަކުރަނީ އެ ގައުމުގެ ފުޓްބޯޅައަށް އާ ދިރުމެއް ގެނުވިދާނެ މުބާރާތެއްގެ ގޮތުގަ އެވެ. ކާމިޔާބު މުބާރާތެއް ބޭއްވުމަށް ލަންކާ ސަރުކާރުގެ އެއްބާރުލުމަށް ފެޑެރޭޝަނުން ވަނީ އެދިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް މި ފަހަރު ހޯމް އެންޑް އަވޭ ފޯމެޓަށް ބޭއްވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، އަދި އެ ކަަމަށް ގައުމުތަކުން ފުރިހަމަ އަށް ތައްޔާރުވެފައިނުވުމާއި، ހޯމް އެންޑް އަވޭ ފޯމެޓަށް ބޭއްވުމަށްޓަކައި ހިނގާނެ ހަރަދުތަކަށް އެކަށޭނެ ހާލަތެއް ގައުމުތަކުގެ ފެޑެރޭޝަނުގައި ނެތުމާ އެކު، ނިންމީ ސާފް ޗެމްޕިއަންޝިޕް މީގެ ކުރިން 14 ފަހަރު ބޭއްވި ގޮތަށް ސެންޓްރަލައިޒް އުސޫލުން ކުރިއަށްދިއުމަށެވެ.