Advertisement

ހަރަދު ކުޑަކުރަން އުވާލަން ނިންމި އެގްރޯނެޓުގެ މަސައްކަތް އަލުން ފަށަން ކެބިނެޓުން ފާސްކޮށްފި

11 މާރިޗު 2025 - 17:12 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ : އެގްރޯނެޓުގެ މަސައްކަތް އަލުން ފަށަން ހުށަހެޅުއްވީ އެމަނިކުފާނު --- ފޮޓޯ: ރައީސް އޮފީސް


ހަރަދު ކުޑަކުރަން އުވާލަން ނިންމި އެގްރޯނެޓުގެ މަސައްކަތް އަލުން ފަށަން ކެބިނެޓުން ފާސްކޮށްފި

11 މާރިޗު 2025 - 17:12 3

ދައުލަތުގެ ހަރަދު ކުޑަކުރުމަށް އުވާލަން ނިންމި ސަރުކާރުގެ ކުންފުނި، އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ގެ މަސައްކަތް އަލުން ފަށަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ސަރުކާރު ހަބަރުގައި ބުނީ، މިގޮތަށް ފާސްކުރަން ކެބިނެޓަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެ ކުންފުނީގެ މަސައްކަތް އަލުން ފަށަން ނިންމީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާ ގޮތަށެވެ.

މިނިސްޓްރީން ބުނީ މި ބަދަލުގެ ގެނައީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމަށް ކަމަށެވެ.

އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ދަނޑުވެރިކަމުގެ އިކޮނޮމިކް ޒޯނު ތަރައްގީ ކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ކެބިނެޓުން ފާސްކުރީ ސެޕްޓެމްބަރު 3، 2024 ގަ އެވެ.

އެކަމަށް ކުރަން ޖެހޭ މަސައްކަތްތައްކޮށް، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ވެސް އެ ދުވަހު ކެބިނެޓުން ނިންމި އެވެ. ނަމަވެސް އެ ކުންފުނި އުވާލުމުގެ މަސައްކަތްތައް މަޑުޖެހި މިހާތަނަށް ރަސްމީކޮށް އެކަން ކުރެވިފައެއް ނުވެ އެވެ.

އެގްރޯނެޓަކީ ދަނޑުވެރިކަން ތަރައްގީ ކުރުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އުވާލަން ނިންމިއިރު އެކި ރަށްރަށުގައި ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގަމުންދިޔަ އެވެ.

ރައީސް މުއިއްޒު ހުށަހަޅުއްވާ ކެބިނެޓުން މިގޮތަށް ނިންމާފައި މިވަނީ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ގޮވާލިތާ މަހެއް ނުވަނީހެވެ.