Advertisement

އޭސީސީއިން 33،000ރ. ގެ އެވިޑެންސް ބޭގު ގަނެފި

11 މާރިޗު 2025 - 11:46 0

އޭސީސީގެ ރައީސް އާދަމް ޝާމިލް: އެވިޑެންސް ބޭގުތަކެއް ގަތް ކަމަށް ބުނިއިރު، ގަތީ ކިހާ ބޭގެއް ކަމެއް ވެސް ނުބުނޭ -- ފޮޓޯ: އިސްމާއިލް އިމްދާދް / އަދަދު


އޭސީސީއިން 33،000ރ. ގެ އެވިޑެންސް ބޭގު ގަނެފި

11 މާރިޗު 2025 - 11:46 0

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބޭނުންވާ ކަމަށް ބުނާ އެވިޑެންސް ބޭގުތަކެއް ހޯދަން އެ ކޮމިޝަނުން 33،000ރ އަށް ވުރެ ގިނައިން ހަރަދުކޮށްފި އެވެ.

އެވިޑެންސް ބޭގު ގަތުމަށް ކަމަށް ބުނެ ބައިޓެކް ކިޔާ ކުންފުންޏަކަށް އޭސީސީއިން ވަނީ 33،180ރ. ދީފަ އެވެ. އެ ކުންފުނި މެދުވެރިކޮށް އެވިޑެންސް ބޭގު ގަނެފައި ވަނީ އިއުލާނު ކުރުމެއް، ބިޑަށް ހުޅުވާލުމެއް ނެތި އެވެ.

އިއުލާނު ނުކޮށް ހަވާލު ކުރި ޕްރޮކިއުމެންޓުގެ މައުލޫމާތު އެ ކޮމިޝަނުން އާންމު ކުރިއިރު އެންމެ ފުރިހަމަ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ. ގަތީ ކިތައް އެވިޑެންސް ބޭގު ކަމެއް ވެސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. ބޭގެއްގެ އަގަކީ ކޮބައިކަން ވެސް ހާމައެއް ނުކުރެ އެވެ.

އެންމެ އެކަށީގެންވާ މައުލޫމާތު އާންމުނުކޮށް އޭސީސީއިން ތަކެތި ގަންނަމުންދާއިރު، އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައިވާތީ ކޮރަޕްޝަނުގެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ޝާމިލު ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ މައްސަލަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

"ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް ދެކެމެވެ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ޝާމިލުގެ ސިޓީއަށް ބިނާކޮށް ޖޭއެސްސީއިން ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު ފެބްރުއަރީ 26، ގައި ސަސްޕެންޑު ކުރިއިރު، ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ސިޓީގައި ނުބުނެ އެވެ. އަދި ސިޓީގައި، ސިޓީ ނަންބަރެއް ވެސް ޖަހާފައެއް ނުވެ އެވެ.

ޝާމިލްގެ ކޮރަޕްޝަންގެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވަ އެވެ.