ކައުންސިލްތަކުގެ ފަޅާއި ރަށްތައް ވެސް ފަސޭހައިން ދޫކުރުމުގެ ބާރު ރައީސް މުއިއްޒު ނެންގެވުމަށް މަޖިލީހަށް ބިލެއް

11 މާރިޗު 2025 - 04:37 2

ލީވާން އަލީ ނާސިރު

ލ

ރައީސް ޑރ. މުހައްމަދު މުއިއްޒު


ކައުންސިލްތަކުގެ ފަޅާއި ރަށްތައް ވެސް ފަސޭހައިން ދޫކުރުމުގެ ބާރު ރައީސް މުއިއްޒު ނެންގެވުމަށް މަޖިލީހަށް ބިލެއް

11 މާރިޗު 2025 - 04:37 2

ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމަށާއި ކައުންސިލްތަކުގެ އިހުތިސޯސުގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ކަނޑައެޅުމުގެ ބާރު ރައީސް މުއިއްޒު ނެންގެވުމަށް ޓޫރިޒަމާބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 15 ވަނަ އިސްލާހު ގެނައުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ހުށަހެޅުއްވި ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ ތާވަލުކޮށްފަ އެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މި ބިލްގެ މަސައްކަތް ކުރިއަށް ގެންދިޔުން އެކަންޏެވެ.

ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ގެންނަ އެއް ބަދަލުގައި ބުނެފައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާ މިހާރު އޮތް ގޮތުން، ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

ނަމަވެސް މި މާއްދާއަށް "އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން" މިހެން އޮތް އިބާރާތުގެ ފަހަތަށް، "ނުވަތަ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން"، ސަރުކާރުން ކަނޑައަޅާ މަޝްރޫއާކާ ގުޅިގެން ޓޫރިޒަމް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތް ހެދުމަށް ބިލްގައި ހުށަހަޅާފައިވެ އެވެ.

މި ބަދަލުގެ ސަބަބުން ވަކި ސިޔާސަތެއް ބަޔާންކުރުމެއް ނެތި، ނުވަތަ ކޮން ބާވަތެއްގެ މަޝްރޫއެއްކަން ކަނޑައަޅައި ބަޔާންކުރުމެއް ނެތި، ރައީސް މުއިއްޒު ބޭނުންވާ ބައެއް މަޝްރޫއުތަކާ ގުޅުވައިގެން ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރަން ފަހިވެގެން ދާނެ އެވެ.

ކޮން ސިޔާސަތެއް ދަށުން ހިންގާ މަޝްރޫއުތަކެއްކަން ނުވަތަ ކޮން ބާވަތެއްގެ މަޝްރޫއުތަކެއްކަން ބިލުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، ގާނޫނުއަސާސީއަށް އެންމެފަހުން ގެނައި އިސްލާހުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ 115 ވަނަ މާއްދާ (ބ) އިސްލާހުކޮށް، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަށާއި އަދި ކުރު ރާސްތާއަށާއި، މެދު ރާސްތާއަށާއި، ދުރު ރާސްތާއަށް އަމާޒުކޮށް، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސް ނަންގަވާފައިވެ އެވެ.

އެހެންވެ، ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައި އެވާ ސިޔާސަތުތައް ކަނޑައަޅައި އެފަދަ ބާވަތުގެ މަޝްރޫއުތައް ކަނޑައެޅުމުގެ ބާރު ވެސް ރައީސް މުއިއްޒަށް އޮންނާނެ އެވެ.

ރިސޯޓުގެ މުއްދަތު އިތުރުކޮށްގެން ފައިސާ ހޯދުން

ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުން ކަނޑައަޅާ ކޮންމެ ޕްރޮޖެކްޓަކާ ގުޅިގެންވެސް ދޫކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ އިތުރުން، ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއިދިނުމުގެ މުއްދަތު އަނެއްކާ ވެސް ހަ މަސް ދުވަހަށް އިތުރުކުރަން ބިލުގައި ހިމަނާފައިވެ އެވެ.

އަހަރަށް 1 ލައްކަ ޑޮލަރުގެ މަގުން ފައިސާ ދައްކާނަމަ، މިހާރު 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތަށް އިތުރު 49 އަހަރާ ހަމައަށް އިތުރުކޮށްދެވޭނެ ކަމަށްވެސް އެ ބިލުގައިވެ އެވެ.

މިފަދަ އިސްލާހުތަކެއް ގެނައުމަށް ހުށަހެޅުމުގެ ސަބަބަކީ ކޮބައި ކަމެއް ސަރުކާރުން މިހައިތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވިޔަސް، ބަޖެޓު ސަޕޯޓަށް ފައިސާ ހޯދުމަށް ރަށްތަކުގެ ކުލީގެ މުއްދަތު ކުރިން ވެސް އިތުރުކޮށްފައިވެ އެވެ.

މި ސަރުކާރުގެ ދައުރު ފެށުނު ފަހުން، މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ތިން ވަނަ ފަހަރެވެ. ފުރަތަމަ ގާނޫނު އިސްލާހު ކުރީ އޮގަސްޓް، 20، 2024 ގައި އެ ގާނޫނުގެ 13 ވަނަ އިސްލާހުންނެވެ. ދެ ވަނަ ފަހަރަށް ބަދަލުކުރީ ނޮވެންބަރު 5، 2024 ގަ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ސައްލޭ

about 1 month ago

މީނާއަށް ވެރިކަން ކުރަން ނޭގުނު. އިސްތިޢްފާ ދީ

ބަކޭ

about 1 month ago

މި މީހާއަށް އަދި ވެރިކަމެއް މި ލިބުނީ ކުރަން. ހީވާ ކަހަލަ ތޯއްޗެއް ބަފާގެއޭ ދޯ ހުރިހާ އެއްޗެއް މީ..