Advertisement

ޕީއެސްޖީ އަތުން ކާމިޔާބު ލިބޭނީ ލިވަޕޫލްގެ އެންމެ މޮޅު ކުޅުން ދައްކައިގެން

11 މާރިޗު 2025 - 08:07 0


ޕީއެސްޖީ އަތުން ކާމިޔާބު ލިބޭނީ ލިވަޕޫލްގެ އެންމެ މޮޅު ކުޅުން ދައްކައިގެން

11 މާރިޗު 2025 - 08:07 0

ލިވަޕޫލް (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީގެ މައްޗަށް ކާމިޔާބު ހޯދަން ލިވަޕޫލުން އެންމެ މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

މިދިޔަ ހަފްތާގައި ޕެރިހުގައި ކުޅުނު ފުރަތަމަ ލެގުގައި ޕީއެސްޖީން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔަ ނަމަވެސް ފަހު ވަގުތު ލަނޑު ޖަހައި ލިވަޕޫލް ވަނީ 1-0 އިން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދޭނެ އެވެ.

ސްލޮޓް ބުނީ، ލިވަޕޫލުން ޓީމެއްގެ ގޮތުގައި މިހާތަނަށް އެންމެ ރަނގަޅަށް ފޯކަސް ބަހައްޓައިގެން ކުޅެ، ނަތީޖާ ނެރުނު މެޗަކީ ޕީއެސްޖީ މެޗު ކަމަށެވެ. އަދި، ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު، އެ ޓީމަކީ، މިހާތަނަށް މި ސީޒަނުގައި ލިވަޕޫލާ ކުރިމަތިލި އެންމެ ފުރިހަމަ ޓީމުގެ ގޮތުގައި ސްލޮޓް ވަނީ ފާހަގަކޮށްފަ އެވެ.

"މި ހުރިހާ ސަބަބަށްޓަކައި އަހަރެމެން އެބަ ޖެހޭ ވަރަށް ރަނގަޅަށް މި މެޗަށް ކުރިމަތިލާން، އެންމެ ރަނގަޅު ކުޅުން ދައްކައިގެން ނޫން ގޮތަކަށް ކާމިޔާބު ލިބޭނެ ކަމަށް އަހަރެން ނުދެކެން،" ސްލޮޓް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުންނެވެ. ސްލޮޓް ބުނީ، އަމިއްލަ ދަނޑުގައި ކޮންމެ މެޗަކަށް ވެސް ލިވަޕޫލުން ނުކުންނައިރު ފޯކަސް އަކީ މޮޅުވުން ކަމަށާއި ޕީއެސްޖީއާ ކުޅޭއިރު ވެސް އެ ނޫން ނަތީޖާ އަަކަށް ޓާގެޓް ނުކުރާނެ ކަމަށެވެ.

އަނިޔާ އިން ރަނގަޅުވެ، ލިވަޕޫލަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ ވަނީ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ޕީއެސްޖީން ވަނީ މި ހަފްތާގައި އެ ޓީމުން ކުޅުނު ފްރެންޗް ލީގުގެ މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް އަރާމް ކުރުމުގެ ފުރުސަތު ދީފަ އެވެ. ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނެފައިވަނީ، އެ ޓީމުން ލިވަޕޫލާ ދެކޮޅަށް ނަތީޖާ ނެރެން ނުކުންނާނީ ގެއްލޭނެ އެއްޗެއް ނެތް ކަމަށް ދެކިގެން އެ ވިސްނުމުގައި ކަމަށެވެ.