10 މާރިޗު 2025 - 14:37 0
ސާއިފް ޝިޔާދު
10 މާރިޗު 2025 - 14:37 0
ރާއްޖޭގެ އިގުތިސޯދު ބޮޑު ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15 ބިލިއަން ރުފިޔާއަށް ބިން ގަތުމަށް ނިންމިތާ ދުވަސްކޮޅެއް ނުވަނީސް އެ ބޯޑުގައި ހިމެނޭ އަހްމަދު ޒަޔާން މުހައްމަދު ފިނޭންސް މިނިސްޓްރީއަށް އޭނާގެ އިސްތިއުފާ ހުށަހަޅައިފި އެވެ.
މާޗު 2023، އިން ފެށިގެން ޒަޔާން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ވެރިޔެއްގެ މަގާމުގަ އެވެ. ދައުލަތުގެ ބަޖެޓު އެކުލަވާލުމާއި ހަރަދުބަރަދު ބެލެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރެއްވި ޒަޔާން އިސްތިއުފާ ހުށަހެޅީ ހުކުރު ދުވަހުކަން ވަނީ ޔަގީން ކުރެވިފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވާނެ އެންމެ ފަހު ދުވަހަކީ މެއި 15، އެވެ.
ފިނޭންސް މިނިސްޓްރީން އޭނާ ވަކިވާ ދުވަހު އެމްއެމްއޭގެ ބޯޑުން ވެސް އޭނާ ވަކިވާނެ އެވެ. މަރުކަޒީ ބޭންކުގެ ބޯޑުގައި އޭނާ ތަމްސީލުކުރީ ފިނޭންސް މިނިސްޓްރީ އެވެ.
އެކި މަސްދަރުތަކުން ޔަގީން ކުރެވިފައިވާ ގޮތުގައި 15 ބިލިއަން ރުފިޔާއަށް ބިން ގަތުމަށް އެމްްއެމްއޭގެ ބޯޑަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ޒަޔާން ވޯޓެއް ނުދެއްވަ އެވެ.
މީގެ ކުރިން އޭނާ ވަނީ އެމްއެމްއޭގެ މަގާމުތަކެއް ވެސް އަދާކުރައްވާފަ އެވެ. ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޕޮލިސީ އެކްސްޕާޓެއްގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު ޖެހިފައިވަނީ އެ މަގާމުން ޒަޔާން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ މިއަދު ހުށަހެޅީ އިސްތިއުފާގެ ސިޓީއެވެ. ރަސްމީކޮށް އޭނާ މަގާމުން ދުރުވާނީ މެއި 15، ގަ އެވެ.
Comment