10 މާރިޗު 2025 - 13:03 0
ސާއިފް ޝިޔާދު
ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ކޯޓަށް ވަންނަނީ. މި މައްސަލައިގައި ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ދިނީ 10 ދުވަހުގެ މުއްދަތެއް --- ފޮޓޯ: އަދަދު ފައިލް
10 މާރިޗު 2025 - 13:03 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވާއިރު ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރަކު ވަކިކޮށްފި ނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ސުޕްރީމް ކޯޓުގައި ފެށިއިރު ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އެދުނީ ވެސް އެގޮތަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ނިންމީ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ. އަދި، 10 ދުވަހުގެ ފުރުސަތެއް ޖަވާބުދާރީވުމަށް ދައުލަތަށް ދީފައިވެ އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބުގެ ޖަވާބުގައި އެދުނީ އިޖުރާއީ ނުކުތާތަކުގައި ފާހަގަކުރި ގޮތަށް އެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ދެން އެދުނީ ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ސައްހަ އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ދައުލަތުން ގަބޫލު ކުރަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ސައްހަކަން ބެލުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނުލިބޭ ކަމަށެވެ. އަދި އަސާސީގެ މާއްދާއެއް ބާތިލް ކުރުމުގެ ބާރު ވެސް ކޯޓަށް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލު ކުރެ އެވެ.
އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލު، ފާތިމަތު ހަލީމް ވަކާލާތު ކުރެއްވީ ގާނޫނުއަސާސީގެ 174 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް މި މައްސަލަ ނުފެތޭ ކަމަށް ވިދާޅުވެ އެވެ.
"ދުސްތޫރީ މައްސަލަތަކުގެ ތެރޭގައި މި ހިމެނެނީ ގާނޫނުއަސާސީ މާނަ ކުރުމާ ގުޅޭ މައްސަލަތަކާއި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއަށް ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ދައުލަތުގެ އިދާރާއަކުން ނެޜ އަމުރެއް ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް،" ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ، ފާތިމަތު ހަލީމް ވިދާޅުވި އެވެ.
އެ ދިފާއުއާ ގުޅިގެން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ފަރާތުން ގިނަ ސުވާލުތަކެއް ދައުލަތް ތަމްސީލު ކުރަން ވަޑައިގެން ތިއްބެވި ގާނޫނީ ވަކީލުންނާ ކުރިމަތި ކުރެއްވި އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ސުވާލުތަކަށް އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނަށް ސާފު ޖަވާބެއް ނޭރުވުނެވެ.
ދައުލަތުން ޖަވާބުދާރީވުމަށް ހޯދި މުއްދަތުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް ދުސްތޫރީ މައްސަލަ ބެލުމަށް ހުރަސް އަޅާފަ އެވެ. އެހެންވެ، މިހާރު އެ މައްސަލައިގެ އަޑުއެހުންތައް އޮތީ ހުއްޓިފަ އެވެ.
Comment