10 މާރިޗު 2025 - 07:31 0
ސާއިފް ޝިޔާދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް. މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތަކުގެ ސަބަބުން ގައުމު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ
10 މާރިޗު 2025 - 07:31 0
މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެކަން ކޮށްފިނަމަ ހުރިހާ ބުރައެއް އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރަން ނިންމާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ބޭނުންކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 20 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ގަތުމަށެވެ.
ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިދިޔަ ސަރުކާރުގެ އިގުތިސޯދީ ވަޒީރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުތަކުގެ އަގު އެމަނިކުފާނު އަލަށް ޗާޕު ކުރާ ފައިސާގެ ކަރުދާހަށް ވުރެ ކުޑަވެއްޖެ ކަމަށެވެ. މި ފައިސާ ބޭނުން ކުރާނީ ސަރުކާރުގެ ބޭކާރު ހަރަދުތައް ފޫބެއްދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ ބޭނުންކުރާނީ ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުކަމަށް ދެއްކުމަށައި، އެމަނިކުފާނުގެ އުފެއްދުންތެރިކަން ކުޑަ، ވަރަށް ޒިންމާދާރުކަން ކުޑަ މާލީ ހަރަދުތައް ދެމެހެއްޓުމަށް،" މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އަދަދަކުން ފައިސާ ޗާޕުކުރާނެ ފަހަރުކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
ގައުމުގެ އިގުތިސޯދީ ހާލަތު މިހާ ނާޒުކު ފައްތަރެއްގައި އޮއްވައި ފައިސާ ޗާޕު ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ތަކެތީގެ އަގުތައް ހިފެހެއްޓުމެއް ނެތި އުފުލިގެން ދިޔުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ރައްޔިތުން އުފުލަން ޖެހޭ ބުރަ ކުޑަކުރަން އެ ފައިސާ ބޭނުންކުރާނެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އެކަމުގެ އަސަރު ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ކުރާނެ ކަމަށް ފައްޔާޒުވ ދިާޅުވި އެވެ.
"އިންވެސްޓްމަންޓްތަކަށް ފައިސާ ޗާޕުކުރުމުގެ ގާނޫނީ ބާރެއް އެމްއެމްއޭއަށް ނޯންނާނެ. އެމްއެމްއޭގެ ގަވަރުނަރާއި ބޯޑު ޖަވާބުދާރީ ވާން ޖެހޭނެ. ސަރުކާރުގެ ފަހަތުގައި ފޮރުވިގެން އެމްއެމްއޭގެ ގަވަރުނަރަކަށް ނޫޅެވޭނެ. އެމްއެމްއޭ އަކީ މިނިވަން އިދާރާއަކަށް ވާން ޖެހޭ،" މަރުކަޒީ ބޭންކަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވި އެވެ.
ހުޅުމާލެއިން ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އަދަދު ގެ ނޫސްވެރިން އެމްއެމްއޭގެ ބަހެއް ހޯދުމަށް މަސައްކަތްކުރުމުން އެ އިދާރާގެ އޮފިޝަލުން ވިދާޅުވީ ރަސްމީ ބަހެއް ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ފޯނު ކޯލަށް އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment