ނަޕޯލީން އިންޓައާ ފަރަގުކުޑަކުރިއިރު، އެޓަލަންޓާ އަތުން ޔުވެންޓަސް އަށް ބޮޑު ބައްޔެއް

10 މާރިޗު 2025 - 04:48 0


ނަޕޯލީން އިންޓައާ ފަރަގުކުޑަކުރިއިރު، އެޓަލަންޓާ އަތުން ޔުވެންޓަސް އަށް ބޮޑު ބައްޔެއް

10 މާރިޗު 2025 - 04:48 0

ނޭޕްލްސް، އިޓަލީ (މާޗް 10) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު އޮތް ފަރަގުކުޑަކުރިއިރު، އެޓަލަންޓާ ކައިރިން 4-0 އިން ބަލިވެ، ޔުވެންޓަސް އިން ދަށް ނަތީޖާ އަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ މޮންޒާ އަތުން 3-2 މޮޅުވެ، އިންޓަ އެއް ވަނައިގައި އޮތީ 28 މެޗުން 61 ޕޮއިންޓާ އެކު އެވެ. ރޭ ފިއޮރެންޓީނާ އަތުން ހޯދި ތިން ޕޮއިންޓާ އެކު، ނަޕޯލީން ވަނީ 28 މެޗުން 60 ޕޮއިންޓް ހަމަކޮށްފަ އެވެ.

އެޓަލަންޓާ އިން ވަނީ ޔުވެންޓަސް އަތުން ހޯދި ތާރީހީ މޮޅާ އެކު، 28 މެޗުން 58 ޕޮއިންޓް ހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި، 1967 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ހަތަރު ގޯލުން ލީގުގެ މެޗެއްގައި ބަލިވި ޔުވެންޓަސް ހަތަރެއްގައި އޮތީ 28 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ނަޕޯލީން ކުޅުނު މެޗުގައި، އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 26 ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ އެވެ. އަދި، މެޗުގެ 60 ވަނަ މިނިޓްގައި ލުކާކޫ ދިން ބޯޅައަކުން ނަޕޯލީގެ ދެ ވަނަ ގޯލު ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ އެވެ.

މި މެޗުގައި ފިއޮރެންޓީނާގެ ހަމައެކަނި ގޯލު ޖެހީ، 66 ވަނަ މިނިޓްގައި އަލްބާޓް ގުޑްމުންޑްސަން އެވެ.

ޔުވެންޓަސް ދަނޑުގައި، އެޓަލަންޓާ އިން ލީޑުނެގީ ފުރަތަމަ ހާފުގައި މަޓެއޯ ރެޓެގީ ޖެހި ޕެނަލްޓީންނެވެ. ދެވަނަ ހާފުގައި އެޓަލަންޓާ އިން އިތުރު ތިން ގޯލު ޖެހި އެވެ. މާޓީން ޑެ ރޫން އެ ޓީމުގެ ދެ ވަނަ ގޯލު ޖެހިއިރު، ލީޑު އިތުރަށް ފުޅާކޮށްދިނީ ޑަވިޑޭ ޒަޕަކޯސްޓާ ޖެހި ގޯލުންނެވެ.

އެޓަލަންޓާގެ ފަހު ގޯލު ޖެހީ، އެ ޓީމުގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރިނީއާ މައްސަލަ ޖެހި ޓީމު ދޫކޮށްލަން ތައްޔާރުވަމުން އަންނަ ނައިޖީރިއާގެ ތަރި، އަޑެމޯލާ ލުކްމަން އެވެ.