Advertisement

ފުރުސަތުގެ ބޭނުންހިފައި ރެއާލުން ބާސެލޯނާއާ އެއްވަރުކޮށްފި

10 މާރިޗު 2025 - 01:09 0


ފުރުސަތުގެ ބޭނުންހިފައި ރެއާލުން ބާސެލޯނާއާ އެއްވަރުކޮށްފި

10 މާރިޗު 2025 - 01:09 0

މެޑްރިޑް (މާޗް 10) - ސްޕެނިޝް ލީގުގައި މިރޭ ރަޔޯ ވަޔެކާނޯ އަތުން 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ މި ހަފްތާގައި ކުޅެން އޮތް މެޗު ފަހު ވަގުތު ފަސްކުރަން ޖެހުނީ، ބާސެލޯނާގެ ޓީމު ޑޮކްޓަރު، މިނާރޯ ގާސިއާ ކުއްލިގޮތަކަށް މަރުވުމުންނެވެ.

އަނެއްކޮޅުން، ލީގުގެ ގަދަ ތިނެއްގައި ދެން އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ފަހު ވަގުތު ގެޓަފޭ އަތުން 2-1 އިން ބަލިވެފަ އެވެ. ގަދަ ތިނެއްގައި އޮތް ދެ ޓީމުގެ މި ހާލަތުގެ ފައިދާ ރެއާލުން ވަނީ ނަގައިފަ އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އެއް މެޗު މަދެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ.

ރެއާލް ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖަހައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެވެ. މިއީ، މި ފަހަރު ލީގުގައި އެމްބާޕޭ ޖެހި 18 ވަނަ ގޯލެވެ.

ފުރަތަމަ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން، ރެއާލުން ވަނީ ލީޑުފުޅާކޮށްފަ އެވެ. މިއީ، ރެއާލްގެ ކެޕްޓަން، ލޫކަ މޮޑްރިޗް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ވަޔެކާނޯގެ ގިނަ ކުޅުންތެރިން ކައިރިން ދެމި ގަތުމަށް ފަހު، ވިނީޝިއުސް ޖޫނިއާ ޖެހި ގޯލެެކެވެ.

ވަޔެކާނޯގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕެޑްރޯ ޑިއާޒް އެވެ.

ދެ މެޗުގެ ސަސްޕެންޝަންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު، ރެއާލްގެ ޖޫޑް ބެލިންހަމް ވަނީ މި މެޗުގައި ކުޅެފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި އަނިޔާގެ ސަބަބުން ބެލިންހަމް ވަނީ ބަދަލުކޮށްފަ އެވެ.