Advertisement

ސީމެންސްއިން އެމެރިކާގައި 285 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

10 މާރިޗު 2025 - 09:45 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ސީމެންސްއަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ އެގައުމުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.


ސީމެންސްއިން އެމެރިކާގައި 285 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

10 މާރިޗު 2025 - 09:45 0

ސީމެންސްއިން އެމެރިކާގެ މެނުފެކްޗަރިންގ ދާއިރާއަށް 285 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ. މީގެ ތެރޭގައި ކެލިފޯނިއާ އަދި ޓެކްސަސްގައި އައު ދެ ފެސިލިޓީ ގާއިމުކުރުން ހިމެނެ އެވެ.

ޖަރުމަނުގެ މަޝްހޫރު ޓެކް ކުންފުނި ސީމެންސްގެ އެންމެ ބޮޑު މާކެޓަކީ އެމެރިކާ އެވެ. މިފަހަރު އެމެރިކާގެ މެނުފެކްޗަރިންގ ދާއިރާއަށް ކުރާ އިންވެސްޓްމަންޓާއި، މިޝިގަންގައި ހުންނަ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ އަލްޓެއަރ ހޯދުމަށް ރޭވިފައިވާ މަސައްކަތުގެ ޖުމްލަ އަގު 10 ބިލިއަން ޑޮލަރަށް އަރާނެކަމަށް އެކުންފުނިން ބުނެއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީ އެމެރިކާގެ ސިނާޢަތުގެ އުފެއްދުންތެރިކަމާއި ބާރުގަދަކަމަށް. އެހެންވެ ސީމެންސްއިން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާގައި 90 ބިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދެއް އިންވެސްޓްކޮށްފި. މިއަހަރުގެ އިންވެސްޓްމަންޓާއެކު، މި ޢަދަދު 100 ބިލިއަން ޑޮލަރަށް އަރާނެ، އަޅުގަނޑުމެން އިތުރު ވަޒީފާތަކާއި، އިތުރު ޓެކްނޮލޮޖީއާއި، އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ޤާބިލިއްޔަތުތަކަށް ފުރުޞަތުތަކެއް ގެނެސްދޭނަން." ސީމެންސް އޭޖީގެ ޕްރެޒިޑެންޓް އަދި ސީއީއޯ ރޯލަންޑް ބުޝް ބަޔާނެއްގައި ވިދާޅުވިއެވެ.

ސީމެންސްގެ މި އިއުލާން އައިސްފައިވަނީ ޗިޕް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ ޓައިވާން ސެމިކޮންޑަކްޓާ މެނުފެކްޗަރިން ކޯއިން އިތުރު 100 ބިލިއަން ޑޮލަރު އެމެރިކާގައި އިންވެސްޓްކުރަން ނިންމިކަން އިއުލާންކޮށްފައި ވަނިކޮށެވެ. މިއީ މީގެ ކުރިން، އެ ކުންފުނިން އިޢުލާންކޮށްފައިވާ 65 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ އިތުރު އިންވެސްޓެކެވެ. މި އިންވެސްޓްމަންޓަކީ އެރިޒޯނާގައި ތަރައްގީ ކުރާ ޗިޕް އުފައްދާ އިތުރު ތިން ޕްލާންޓާއި ދެ ޕެކޭޖިން ފެސިލިޓީ ގާއިމުކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.

ސީމެންސްއިން ބުނެފައިވާ ގޮތުގައި، ޓެކްސަސްގެ ފޯޓް ވާރތު އަދި ކެލިފޯނިއާގެ ޕޮމޯނާގައި އިލެކްޓްރިކަލް ޕްރޮޑަކްޓްސް އުފައްދާ ދެ މެނުފެކްޗަރިންގ ފެސިލިޓީ ގާއިމުކުރުމަށް ވަނީ ރާވާފައެވެ.

މި އެންމެ ފަހުގެ އިންވެސްޓްމަންޓްގެ ސަބަބުން 900 އަށްވުރެ ގިނަ ހުނަރުވެރި މެނުފެކްޗަރިން ވަޒީފާ އުފެދޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މި ފެކްޓަރީތަކުގައި އުފައްދާ އިކުއިޕްމަންޓްތަކުން އެމެރިކާގެ ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮންސްޓްރަކްޝަން ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ޑޭޓާ ސެންޓަރުތަކަށް ބާރުލިބިދެވޭނެ އެވެ.

ސީމެންސްއަކީ ޖަރުމަނުވިލާތުގެ އެންމެބޮޑު އެއް ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ކުންފުންޏެވެ. 1847 ވަނަ އަހަރު ވާރނަރ ވޮން ސީމެންސް އާއި ޖޯހަން ޖޯޖް ހަލްސްކޭ އުފެއްދި މި ކުންފުންޏަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި އިންޑަސްޓްރިއަލް މެނުފެކްޗަރިން ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ.

ސީމެންސްއިން ޢާންމުކޮށް އިލެކްޓްރިކަލް އިކުއިޕްމަންޓްސް، އިންޑަސްޓްރިއަލް އޮޓޮމޭޝަން ސިސްޓަމްސް، ޕަވަރ ޖެނެރޭޝަން ޓެކްނޮލޮޖީ، މެޑިކަލް ޓެކްނޮލޮޖީ، ރެއިލްވޭ އަދި ޓްރާންސްޕޯޓޭޝަން ސިސްޓަމްސް އަދި ސްމާޓް ބިލްޑިންގ ޓެކްނޮލޮޖީސް ފަދަ ދާއިރާތަކުގައި މަސައްކަތްކުރެއެވެ.

މި ކުންފުނީގެ ހެޑްކުއާޓަރޒް ހުންނަނީ ބާލިން އަދި މިއުނިކްގަ އެވެ. ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުގައި ސީމެންސްގެ ބިޒްނަސް ހިނގަމުން ދެއެވެ. މީގެ ތެރޭގައި މިހާރު އެމެރިކާގައި ކުރަން ނިންމި އިތުރު އިންވެސްޓްމަންޓް ހިމެނެއެވެ.