9 މާރިޗު 2025 - 15:39 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ
9 މާރިޗު 2025 - 15:39 0
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ މައްސަލަ ބަލަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަށަވަރުކޮށް ނުދިނެވެ.
މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބަލަމުންދޭތޯ އެޗްއާރްސީއެމްގެ ސީނިއާ މީޑިއާ އޮފިޝަލް އަލީ ޒާޖިލް ޝަހީދުއާ އަދަދު އިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބެއް ދޭން ވަނީ ދެކޮޅު ހަދާފަ އެވެ.
އެޗްއާރްސީއެމް މީޑިއާ ގްރޫޕްގައި ޒާޖިލް ވިދާޅުވީ ރޭ ކުރިއަށްދިޔަ އެމްޑީޕީގެ މުޒާހަރާ ހިނގައިދިޔަ ގޮތް އެ ކޮމިޝަނުން މޮނިޓާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ބަލަމުންދާ ކަމެއް ސާފުކޮށް ޒާޖިލް ވިދާޅުވެފައެއް ނުވެ އެވެ.
އެމްޑީޕީން ރޭ ދަނޑިކޮށި ޖަގައިން ފަށަން އުޅުނު މުޒާހަރާއަށް ފުލުހުން ވަނީ ހުރަސްއަޅައި، އެ ސަރަހައްދުން ނުދެވޭ ގޮތަށް މުޅި ސަރަހައްދު ބަންދުކޮށްފަ އެވެ.
އެ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަށްފަހު އެ ސަރަހައްދުން ދާން އުޅުނު ވަގުތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ލޮލާ ވަރަށް ކައިރިން ޕެޕާ ސްޕްރޭ ޖަހައިފަ އެވެ.
މީގެއިތުރުން މުޒާހަރާގައި ބައިވެރިވި ބައެއް މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރިކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެ އެވެ. އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހުކުރު ދުވަހުން ފެށިގެން އެމްޑީޕީން ދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. ރޭގެ މުޒާހަރާ ވެސް ނިންމާލީ މިރޭ މުޒާހަރާ އޮންނާނެ ކަމަށް އިއުލާން ކުރުމަށްފަހު އެވެ.
Comment