Advertisement

ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

9 މާރިޗު 2025 - 08:44 0

އަހުމަދު އާއިދު

އ

Advertisement

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު : އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސިނާނުގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

9 މާރިޗު 2025 - 08:44 0

Advertisement

Advertisement

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު ގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

ޣާލިބު ސަލީމު ހުށަހެޅި މި މައްސަލާގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެވެ. އެ މައްސަލަ ބަލައިގަތްކަމުގެ ލިޔުން ކޯޓުން ރައްދުކުރީ މިއަދު އެވެ.

Advertisement

މި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ސިނާނު އެހެން ބަޔަކާ ބައިވެރިވެގެން ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިވާ ނުވާކަން ފާހަގަކޮށްފަ އެވެ.

މި މައްސަލާގައި ހިމެނެނީ ސިނާނު އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެެ. ލޯނު ދެއްކުމަށް ވި އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024 ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލަ ބަލައި، ހިތަދޫ ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 14، 2024 ގަ އެވެ. އެ ހުކުމުގައި ބުނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ނަމަވެސް ސިނާނު އާއި އޭނާއާއެކު ލޯނު ނެގި މީހުން މި ފައިސާ ދައްކާފައިނުވާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

Advertisement

ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދާ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 13، ގަ އެވެ. މައްސަލަ ހުށަހެޅުމާއެކު އެ ދަރަނި ދައްކައިފިކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

އެ ފައިސާ ދެއްކީ ނަގުދު ފައިސާއިން ކަމާއި ބޭންކަށް އެ ފައިސާ ދައްކަން ދިޔައީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ކަންވެސް އެނގިފައިވެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމާއި، މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސިނާނު އަދި އިސްލާމިކް ބޭންކުގެ ބަހެއް ނުލިބެ އެވެ. މި ނޫހުން ކުރި ފޯނަށް، އަދި ކުރި މެސެޖަށް ވެސް ސިނާނު ޖަވާބެއް ނުދެއްވަ އެވެ.

ސިނާނު ވެގެންދާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ފުރަތަމަ މެންބަރަށެވެ.

ސިނާނުގެ ގޮނޑި ގެއްލުނަސް ވެރިކަންކުރާ ޕީއެންސީއަށް މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީއަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ އާއެކު މަޖިލީހުގައި މިވަގުތު އެ ޕާޓީގެ 75 މެންބަރުން އެބަތިއްބެވެ. 20 ވަނަ މަޖިލީހުގައި ތިބެނީ ޖުމްލަ 93 މެންބަރުންނެވެ.