9 މާރިޗު 2025 - 12:43 0
9 މާރިޗު 2025 - 12:43 0
ބާސެލޯނާ (މާޗް 9) - ބާސެލޯނާގެ ޓީމު ޑޮކްޓަރު، މިނާރޯ ގާސިއާ މަރުވުމާ އެކު، އެ ކްލަބުން އެދުމުން، ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
ބާސެލޯނާ އާއި އޮސަސޫނާ ބައްދަލުކުރި މެޗު ފަސްކުރީ، މެޗު ފަށަން ތާވަލުކޮށްފައި އޮތް ވަގުތު ޖެހެން 20 މިނިޓަށް ވެފައި އޮއްވަ އެވެ. މެޗު ބަލަން ދަނޑަށް ސަޕޯޓަރުން ވެސް ވަދެފައިވަނިކޮށް، ބާސެލޯނާ ދަނޑުގައި އިއުލާނުކުރީ މެޗު ފަސްކުރެވިފައިވާ ކަމަށެވެ.
ލަލީގާ އިން މެޗު ފަސްކުރަން ނިންމީ ބާސެލޯނާ އިން ހުށަހެޅުމުން، އެކަމާ މެދު އޮސަސޫނާގެ ބަހެއް ވެސް ހޯދުމަށް ފަހު އެވެ.
ރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް ލީގު ތާވަލުގައި ލީޑުފުޅާކުރުން ފުރުސަތު އޮތެވެ. އެކަމަކު، ހިތާމަވެރި ހަބަރަށް ފަހު ބާސެލޯނާގެ މެނޭޖްމަންޓުން ނިންމީ މެޗު ފަސްކުރަން ހުށަހެޅުމަށެެވެ.
ބާސެލޯނާގެ ރައީސް، ޖޮއާން ލަޕޯޓާ ވިދާޅުވީ، ޓީމު ޑޮކްޓަރު، މިނާރޯ މަރުވީ އިއްޔެގެ ވަގުތެއްގައި ޓީމު ހޮޓަލުގައި ހުއްޓައި ކަމަށެވެ. އަދި، އެ ފަދަ ގޮތަކަށް މިނާރޯ ވަކިވުމުން، ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ވެސް އަސަރުކޮށްފައިވާތީވެ، އެއީ މެޗު ކުޅެން ރަނގަޅު ދުވަހެއްގެ ގޮތުގައި ނުފެންނާތީ، ކޯޗިން ޓީމުގެ ލަފާގެ ވެސް މަތިން ހުށަހެޅީ ކަމަށެވެ.
ބާސެލޯނާ އާއި އޮސަސޫނާގެ އިތުރުން ސްޕެނިޝް ލީގުގެ ގިނަ ކްލަބްތަކުން ވަނީ މިނާރޯގެ އާއިލާ އަށް ތައުޒިޔާ ފޮނުވައިފަ އެވެ.
Comment