Advertisement

ފްލެޓު ލިބޭ 4،000 މީހުންގެ ލިސްޓުގައި ނުހިމެނޭ 577 މީހަކަށް މި ސަރުކާރުން ފްލެޓް ދިން: އެމްޑީޕީ

8 މާރިޗު 2025 - 22:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި މީހަކު ޝުއޫރުފަޅުކުރަން ޕޯސްޓަރެއް ހިފައިގެން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފްލެޓު ލިބޭ 4،000 މީހުންގެ ލިސްޓުގައި ނުހިމެނޭ 577 މީހަކަށް މި ސަރުކާރުން ފްލެޓް ދިން: އެމްޑީޕީ

8 މާރިޗު 2025 - 22:35 1

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ލިސްޓުން ބޭރުން 577 މީހަކަށް މި ސަރުކާރުން އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ދޭން ނިންމާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ މި ސަރުކާރުން 4،000 މީހުންގެ ލިސްޓު އެކަނި ރިވިއު ކުރާނެ ކަމަށް ބުނެ، އޭގެ ބޭރުން ސަރުކާރުން ބެނުންވާ 577 މީހަކަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"މިނިސްޓަރު މުއްތަލިބު ވެސް ވިދާޅުވެފައި އޮތީ ތިމަންނަމެން ހަމައެކަނި ކުރީގެ ސަރުކާރުން 4،000 ފްލެޓް ދީފައި ހުރި މީހުން އެކަންޏޭ ރިވިއުކުރާނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ އޭގެ ބޭރުން އެބޭފުޅުން ބޭނުންފުޅުވާ 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓްދޭން ކަނޑައަޅާފައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އިބުރޭ ވިދާޅުވީ 56 މީހެއްގެ މާކްސް ބަދަލުކޮށް، މާކްސް މަތިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ ކޮން އުސޫލަކުންކަން ނޭގޭ ކަމަށެވެ.

"ޕޯޓަލްއަށް ވަދެ އެމީހާ އެ އެއްޗެހިތައް ޓިކް ކުރަމުންދާއިރު އޭނައަށް ވެސް ފެންނަ ގޮތަށް އިންނަ އެއްޗެއް. އެހެންވީމަ އޭނައަށް ވެސް އޭނައަށް ލިބިފައި އޮންނަ ޕޮއިންޓް ފެންނަ އެއްޗެއް. އެ ޕޮއިންޓް މިބޭފުޅުން އަލުން ބަދަލުކުރީ ކޮން އުސޫލަކުންތޯ އަޅުގަނޑުމެންނަކަށް ނޭގޭ،" އޭނާ ވިދާޅުވި އެވެ.

އިބުރޭ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ދިން މީހުންގެ ތެރެއިން ބާކީކޮށްލި މީހުންނަށް ވަކާލާތު ކޮށްގެން ވެސް މި ސަރުކާރުގައި ފްލެޓު ދެވޭ ގޮތް ނުވެއްޖެނަމަ، އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އަޅާ ފްލެޓްތަކުން އެ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.

މި ސަރުކާރުން ފްލެޓް ލިސްޓުން ބާކީކުރި 3،119 މީހުންނަށް އެހީވާން އެމްޑީޕީން ވަނީ ޕޯޓަލްއެއް މިއަދު ލޯންޗުކޮށް، މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީޕީގެ އެކި ގުނަވަންތަކުން ފްލެޓް މައްސަލައާ ގުޅިގެން އެކި މަޝްވަރާތަކެއްކޮށް، ފްލެޓް ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި މީހުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ މަގުތައް ބަލަމުންދާ ކަމަށެވެ.

ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯގަލްއަށް ލޮގިން ކުރަން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެންނެވެ. އެއަށްފަހު ބޭނުންވާ ލިޔެކިޔުންތައް ހިއްސާ ކުރެވޭނެ އެވެ.