ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް މީގެ ކުރިން ވެސް އެ ޓީމަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފި އެވެ.
މީގެ ކުރިން އާތީ ވަނީ މީގެ ކުރިން، 2014 ވަނަ އަހަރު ވެސް ވިކްޓަރީގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން، އޮޑި ސްޕޯޓްސް ކްލަބާ އެކު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާތީއާ ވިކްޓަރީ ޓީމު ހަވާލުކުރަން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމީ އޭނާގެ ތަޖުރިބާ އަށް ބެލުމަށް ފަހު އެވެ.
ރާއްޖޭގެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުނު އާތީ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު 14 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުންނެވެ. އޭގެ ފަހުން އުމުރުފުރާގެ އެކި ޓީމުތަކުގައި އާތީ ވަނީ ކޯޗިން މަސައްކަތްތަކެއް ކޮށްފަ އެވެ.
އާތީ ވިކްޓަރީއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކްލަބް
ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އާތީ ކްލަބަކުން ފުރަތަމަ ފެނުނީ 2010 ވަނަ އަހަރު އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިންނެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު ވިކްޓްރީ އަށް ކޯޗުކޮށްދިނެވެ. ވިކްޓަރީ އަށް ފަހު އާތީ ފުރަތަމަ ޑިވިޝަނުގައި ފަހުން ކޯޗުކޮށްދިން ޓީމުތަކަށް ބަލާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް ހިމެނެ އެވެ.
މިއީ، ދެ ވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބެއްގައި އާތީ މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން އާތީ ވަނީ ޔޫވީ އާއި ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދީފަ އެވެ.
ވިކްޓަރީން އާ ސީޒަނަށް މިރޭ ޕްރެކްޓިސްތައް ފަށާއިރު، އެ ޓީމުން ވަނީ މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ.
ވިކްޓަރީން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު، ވިކްޓަރީ ހިމެނޭހެން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު އަލީ ޝާމިސް (ތޮއްޕޭ)ގެ އިތުރުން، ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުރިން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ޓީސީ އަށް ކުޅުނު މުހައްމަދު ސާދު ނިޒާރާއި ނަޝާހު އަހުމަދު (ނައްޓު)، ކްލަބް ވެލެންސިއާގައި ހުރި ހަސަން ސުފިޔާން (ސޫފީ)، މާޒިޔާ އާއި ވެލެންސިއާ އަށް ކުޅުނު އަމްދާން އަލީ (އެންޑީ)، ކުރިން ވިކްޓަރީ އަށް ކުޅެ، އެންމެ ފަހުން އީގަލްސް އިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ހިމެނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment