8 މާރިޗު 2025 - 16:15 3
ލީވާން އަލީ ނާސިރު
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ): ޑިސްކޮލިފައިކުރި އެންމެންނަށް އެމްޑީޕީގެ ވެރިކަމެއްގައި ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ؛ އެމްޑީޕީ
8 މާރިޗު 2025 - 16:15 3
މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދިން 4،000 ފްލެޓުގެ ތެރެއިން 3،119 މީހުން ބާކީކޮށް މި ސަރުކާރުން ނެރުނު ފްލެޓު ލިސްޓުގައި ޑިސްކޮލިފައިކުރި ހައްގުވެރިންނަށް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ފްލެޓް ދޭނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބުރޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ދިން މީހުންގެ ތެރެއިން ބާކީކޮށްލި މީހުންނަށް ވަކާލާތު ކޮށްގެން ވެސް މި ސަރުކާރުގައި ފްލެޓު ދެވޭ ގޮތް ނުވެއްޖެނަމަ، އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އަޅާ ފްލެޓްތަކުން އެ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.
"އެ ލިސްޓުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ޑިސްކޮލިފައިވާ ހުރިހާ ހައްގުވެރިންނަށް އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި އެންމެ ފުރަތަމަ އަޅުގަނޑުމެން އަޅާ ފްލެޓްތަކުގައި އެބޭފުޅުންނަށް ފްލެޓް ލިބޭނެ ކަމަށް ޕާޓީގެ ފަރާތުން އަޅުގަނޑުމެން ދޭނަން،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ފްލެޓް ލިސްޓުން ބާކީކުރި 3،119 މީހުންނަށް އެހީވާން އެމްޑީޕީން ވަނީ ޕޯޓަލްއެއް މިއަދު ލޯންޗުކޮށް، މައުލޫމާތު ހިއްސާ ކުރުމަށް އެދިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީޕީގެ އެކި ގުނަވަންތަކުން ފްލެޓް މައްސަލައާ ގުޅިގެން އެކި މަޝްވަރާތަކެއްކޮށް، ފްލެޓް ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި މީހުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ މަގުތައް ބަލަމުންދާ ކަމަށެވެ.
ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯގަލްއަށް ލޮގިން ކުރަން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެންނެވެ. އެއަށްފަހު ބޭނުންވާ ލިޔެކިޔުންތައް ހިއްސާ ކުރެވޭނެ އެވެ.
Comment