Advertisement

ފްލެޓު ލިސްޓުން އުނިކުރި މީހުން ޝަކުވާ ހުށަހެޅުމަށް އެހީވާން އެމްޑީޕީން ޕޯޓަލްއެއް ގާއިމުކޮށްފި

8 މާރިޗު 2025 - 15:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ


ފްލެޓު ލިސްޓުން އުނިކުރި މީހުން ޝަކުވާ ހުށަހެޅުމަށް އެހީވާން އެމްޑީޕީން ޕޯޓަލްއެއް ގާއިމުކޮށްފި

8 މާރިޗު 2025 - 15:35 0

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި 4،000 މީހުންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ބާކީކުރި 3،119 މީހުންނަށް އެހީވާން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕޯޓަަލްއެއް ތައާރަފްކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ އެ ޕޯޓަލްގެ ބޭނުމަކީ މި ސަރުކާރުން ފްލެޓު ނުލިބޭނެ ކަމަށް ބުނެ ނުހައްގުން ޑިސްކޮލިފައިކުރި މީހުންނާއި ފްލެޓު އެގްރީމަންޓުތަކުގައި ސޮއިކުރި ނަމަވެސް ބާކީކުރި މީހުންގެ ހައްގުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ކަމަށެވެ.

"މިއީ ވަރަށް ސިމްޕަލް ސިސްޓަމެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިއޮތީ. އެއްވެސް ފަރާތަކުން އައިޑީކާޑު ކޮޕީއެއްފަދަ އެކަހަލަ ޕާސަނަލް މައުލޫމާތު، ޑޮކިއުމަންޓް މިއަށް ހުށަހަޅަން ޖެހޭ ގޮތަކަށް ނޫން އަޅުގަނޑުމެން މީތި ފަރުމާ ކޮށްފައި މިއޮތީ. ދެން މިއަށް އޮންލައިވުމުގައި ވެސް ވަރަށް ފަސޭހަ ސިމްޕަލް ގޮތަކަށް މި ފަރުމާ ކޮށްފައި މިއޮތީ،" އޭނާ ވިދާލުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީގެ ހައުސިން ކޮމިޓީ އާއި އެކި ގުނަވަންތަކުން ފްލެޓް މައްސަލައާ ގުޅިގެން އެކި މަޝްވަރާތަކެއްކޮށް، ފްލެޓް ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި މީހުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ މަގުތައް ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމިފައި އޮތީ މި ފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެއްކުރެވޭނެ ކޮންމެވެސް ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ގާއިމުކޮށް، އެފަރާތްތަކުގެ މައުލޫމާތު ލިބުމާ އެއްކޮށް އަދި އެ ފަރާތްތަކާ ގުޅައިގެން ނުވަތަ ކޮންމެވެސް ސިފައެއްގައި ބައްދަލުވުމެއްގެ ތެރެއިން ދެން ކުރިއަށްދާނެ ގޮތެއް، އެ ފަރާތްތަކަށް އެހީތެރިވާނެ ގޮތެއް އަޅުގަނޑުމެން ކަނޑައަޅާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯގަލްއަށް ލޮގިން ކުރަން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެންނެވެ. އެއަށްފަހު ބޭނުންވާ ލިޔެކިޔުންތައް ހިއްސާ ކުރެވޭނެ އެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:

  • ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުން
  • ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
  • ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް