8 މާރިޗު 2025 - 12:25 1
ލީވާން އަލީ ނާސިރު
ބަންޑާރަނައިބު އަހުމަދު އުޝާމް: ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން ދައްކަން އާންމު ކުރީ ގޯސް މައުލޫމާތެއް -- ފޮޓޯ: ރައީސް އޮފީސް
8 މާރިޗު 2025 - 12:25 1
މި ސަރުކާރުގައި މިހާތަނަށް ޖުމްލަ ފަސް ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައި ވަނިކޮށް، މި ދައުރުގެ ތެރޭގައި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެއްވެސް ފަނޑިޔާރެއްގެ މަގާމު ދަށް ނުކުރާ ކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދޮގު ހައްދަވައިފި އެވެ.
ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު ކަމަށް ވިދާޅުވެ އުޝާމް އިއްޔެ އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ސަރުކާރުގައި ސަސްޕެންޑުކުރީ ތިން ފަނޑިޔާރުން ކަމަށެވެ.
"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ސްލޫކީވުން ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ވެބްސައުޓުން އެނގޭ ގޮތުގައި މި ސަރުކާރުގައި މިހާތަނަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭހެން ފަސް ފަނޑިޔާރަކު ސަސްޕެންޑުކުރި އެވެ.
މީގެ އިތުރުން މި ސަރުކާރުގައި އެއްވެސް ފަނޑިޔާރެއްގެ މަގާމު ދަށް ނުކުރާ ކަމަށް އުޝާމް ވިދާޅުވިއިރު، ނޮވެމްބަރު 20، 2023، ގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމު ދަށްކޮށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކުރި އެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ހުރަސް އެޅޭ ގޮތަށް މި ސަރުކާރުން ކޮންޓްރޯލް ކުރާ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އެ ކޯޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment