ލިވަޕޫލް ދަނޑުގައި ޕީއެސްޖީ އަށް ނަތީޖާ އަނބުރާލެވޭނެ: އެންރީކޭ

7 މާރިޗު 2025 - 12:47 0


ލިވަޕޫލް ދަނޑުގައި ޕީއެސްޖީ އަށް ނަތީޖާ އަނބުރާލެވޭނެ: އެންރީކޭ

7 މާރިޗު 2025 - 12:47 0

ޕެރިސް (މާޗް 7) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ފުރަތަމަ ލެގުން ބަލިވިޔަސް ޕީއެސްޖީ އަށް ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި ނަތީޖާ އަނބުރާލެވޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެ ޓީމު މުޅި މެޗު ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޖެހި ގޯލުން ލިވަޕޫލް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ޕީއެސްޖީން ލިވަޕޫލް ގޯލަށް ފޮނުވާލި ނުރައްކާތެރި ނުވަ ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. އެ މެޗުން ބަލިވެ، ޕީއެސްޖީންް ޖެހިޖެހިގެން 10 މެޗުން މޮޅެގެން އައި ސިލްސިލާ އަށް ވަނީ ނިމުން އަތުވެފަ އެވެ. އަދި، 22 މެޗަށް ފަހު ޕީއެސްޖީ ވަނީ ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ އަށް ޖާގަ އޮތީ މި ހަފްތާގައި ލިވަޕޫލް ދަނޑުގައި ނަތީޖާ ނެރެގެންނެވެ. އެންރީކޭ ބުނީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެެވެ.

"އެންމެނަށް ވެސް ފުރަތަމަ ލެގު ދިޔަ ގޮތް އެނގޭނެ. ހުރިހާ ގޮތަކުން ބެލިޔަސް އަހަރެމެން މާ ވަރުގަދަކޮށް ފެނިގެންދިޔައީ. ގިނަ ފުރުސަތުތަކެއް ހޯދައި ރަނގަޅު ހަމަލާތަކެއް ފޮނުވާލައި މޮޅު ކުޅުމެއް ދެއްކި، ދެން، ނަތީޖާއާ މެދު ބުނެވޭނީ ފުޓްބޯޅަ ބައެއް ފަހަރު ވަރަށް ނާއިންސާފޭ ނަތީޖާ އަށް ބަލާއިރު،" އެންރީކޭ ބުންޏެވެ.

"ކުރަންޖެހޭ ކަންކަން ވަރަށް ސާފުކޮށް ފެންނަން އޮތީ. އަހަރެމެން މޮޅުވާން ޖެހޭ، ނަތީޖާ ނެރެންޖެހޭ. އަހަންނަށް އެ ޔަގީންކަން އެބައޮތް މި ދައްކާ ކުޅުމަށް ބަލާއިރު،"

އެންރީކޭ ވަނީ މީގެ ކުރިން ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2020 ވަނަ އަހަރު ކުޅުނުއިރު، ބަޔާން މިއުނިކް އަތުން ވީ ބައްޔެވެ.