ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ތަމްސީލުކޮށްދެނީ "ނާތަހުޒީބު" ރައީސް މުއިއްޒު ކަމަށް

7 މާރިޗު 2025 - 09:54 1

ކުރީގެ ރައީސް ޔާމީން: ވިދާޅުވީ ރައީސް މުއިއްޒަކީ ނާތަހުޒީބު ވެރިއެއް ކަމަށް -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ތަމްސީލުކޮށްދެނީ "ނާތަހުޒީބު" ރައީސް މުއިއްޒު ކަމަށް

7 މާރިޗު 2025 - 09:54 1

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުން ތަމްސީލުނުކޮށްދޭ ކަމަށާއި އެ މަޖިލީހުން ތަމްސީލުކޮށްދެނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިހާރު އޮތް މަޖިލީހަކީ "ހަމަ އެއްވެސް ކަހަލަ މިނިވަންކަމެއް" އޮތް މަޖިލީހެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ މިވަގުތު، ހަމަ ރައްޔިތުންގެ ގިނަ ބަޔަކު [މިކަން] ގަބޫލު ކުރާނެ ހަމަ އެއްވެސް ކަހަލަ މިނިވަންކަމެއް އޮތް، އެއްވެސް ކަހަލަ ގޮތަކަށް ރައްޔިތުން ތަމްސީލުކޮށްދޭ މަޖިލީހެއް ނޫން މިވަގުތު މި އޮތީ. މިހާރު މި އޮތީ ދިމްޔާތުގެ މަޖިލިސް،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ ވަރަށް ނާތަހުޒީބު ވެރިއެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ގާނޫނުއަސާސީ ލިޔުނުއިރު، މިހާ ނާތަހުޒީބުކޮށް ވެރިއަކު އަމަލުކޮށްފާނެ ކަމަށް ހީކުރެވިފައިނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާނޫނުއަސާސީ ލިޔުނުއިރު، ފާސްކުރިއިރު، މިސާލަކަށް [އިބްރާހިމް އިސްމާއިލް] އިބްރާ ވިޔަސް އެހެން ބޭފުޅަކު ވިޔަސް، އެބޭފުޅުން ހިތްޕުޅަކަށް ވެސް ނުގެނޭ މިހާ ނާތަހުޒީބު ގޮތަކަށް ވެރިޔަކަށް އަންނަ މީހަކު ކަން ކޮށްފާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމުގެ ވާހަކަ ރައީސް ޔާމީން މި ދެއްކެވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ގައިރު ގާނޫނީ ބިލެއް އެ މަޖިލީހުން ފާސްކޮށްފައި އޮއްވަ އެވެ. އެ ބިލު ފާސް ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.

އެ ބިލު ފާސް ކުރުމަށްފަހު، ގޮނޑި ގެއްލުވައިލެވޭ މައްސަލައިގެ ޝަރީއަތަށް ހުރަސް އެޅޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ސަސްޕެންޑުކޮށްފަ އެވެ. ދުސްތޫރީ މައްސަލައެއް މަތީ ކޯޓުގައި ބެލޭނީ ކޯޓުގެ ފުލް ބެންޗުންނެވެ.

ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ. ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ.

33.33%

0.00%

66.67%

0.00%

މި ލިޔުން ކިޔާލުމުން


ތަފްސީލް

7 days ago

ކޮންމެ ބޭފުޅަކުވެސް ވާހަކަ ދައްކަން ވަރަށް މޮޅު، ރައިސް ޔާމީން ވެރިކަމުގައި 12 މެންބަރުން ގޮޑި ގެއްލުވާލާ މަޖިލިސް ކޮންޓްރޯލް ކުރިގޮތް ހިތަށް ގެންނަވާ، އޭރު އެހެން ވީމަ އޮތީ "ދޫވެހި މަޖިލިސް"