ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗް 7) - އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ބްރެޒިލްގެ ތަރި، ނޭމާ، 17 މަސް ދުވަހަށް ފަހު، އަލުން ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފި އެވެ.
ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް، ބްރެޒިލްގެ ސަންޓޯސް އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެ ފަހަރު، ބްރެޒިލުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި އަހަރަކަށް ފަހު، ނޭމާ ކުޅުމަށް އެނބުރި އައީ، މިދިޔަ އަހަރުގެ އޮކްޓޫބަރު ތެރޭގަ އެވެ.
ސަންޓޯސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ނޭމާ، 33، ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން ހަތް މެޗުން ތިން ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ނޭމާ އަށް ގައުމީ ޓީމުން ފުރުސަތު ދީފައިމި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް ނެގި ސްކޮޑުންނެވެ. އެ ދެ މެޗުގައި ބްރެޒިލުން ކުޅޭނީ އާޖެންޓީނާ އާއި ކޮލަމްބިއާއާ އެވެ.
ނޭމާ އަކީ ކަފޫ އަށް ފަހު ބްރެޒިލަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ކުރީގެ ކެޕްޓަން، ކަފޫ ވަނީ 142 މެެޗު ބްރެޒިލަށް ކުޅެދީފަ އެވެ. ނޭމާ މިހާތަނަށް 129 މެޗު ކުޅެދީފައިވާއިރު، ކަފޫގެ ރެކޯޑް ނޭމާ އަށް މުގުރާލެވުމުގެ ފުރުސަތު ބޮޑެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ތާވަލުގައި ބްރެޒިލް އޮތީ ހަތަރެއްގަ އެވެ. އެއީ، އެއް ވަނައިގައި އޮތް އާޖެންޓީނާ އަށް ވުރެ ހަ ޕޮއިންޓް މަދުން ލިބިގެންނެވެ. ބްރެޒިލުން މި މަހު 21 ގައި ކުޅޭނީ ކޮލަމްބިއާއާ އެވެ. އާޖެންޓީނާއާ ކުޅޭނީ އޭގެ ފަސް ދުވަސް ފަހުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment