6 މާރިޗު 2025 - 23:12 0
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު ރަސްފަންނަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
6 މާރިޗު 2025 - 23:12 0
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ޒިޔާރަތް ކުރައްވައި އެތަނުގައި ސަރުކާރުގެ ކުންފުނިތައް ގުޅިގެން ކުރާ މަސައްކަތްތައް މިއަދު ބައްލަވައިފި އެވެ.
ރައީސް މުއިއްޒުގެ އެ ޒިޔާރަތުގައި ވަގުތީ ގޮތުން ރަސްފަންނު ބޭނުން ކުރެވޭ ހާލަތަށް ގެނައުމަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވައި، އެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯއްދެވި އެވެ.
ރަސްފަންނު ވަގުތީ ގޮތުން އާންމުންނަށް ހުޅުވާލާއިރު އެތަނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެން ގޮސްފައިވާ ސަރަހައްދު މިހާރު ވަނީ އަލުން ދޮންވެލި ލައި އެއްވަރުކޮށްފަ އެވެ.
މީގެއިތުރުން ވިރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފަ އެވެ.
ރޯދަ މަސް ނިމުމާ އެކު ރަސްފަންނު ބޭނުންކުރާ މީހުންނަށް ފާހާނާ ބަރިއެއް ގާއިމު ކުރުމާ އެކު މަސް ބޭނުމަށް މިހާރު ވެސް ބޭނުން ކުރާ ޕްލެޓްފޯމުގެ އާބާތުރަ ފިލުވައި އަލުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ރަސްފަންނު ބެލެހެއްޓުން އޭރުން ފެށިގެން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. ނަމަވެސް އެތަން ރަނގަޅަށް ބަލަހައްޓަމުން ނުދާނީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ބަޖެޓު ނެތް ކަމަށް ބުނެ އެމަނިކުފާނުގެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ 14، ގައި ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާތީ، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެ ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ..
ރައީސް މުއިއްޒުގެ މޭޔަރުގައި ކަމުގައި އެމަނިކުފާނު ވިދާޅުވީ ޕާކުތައް ވީރާނާވީ ކުރިން އޮތް ސިޓީ ކައުންސިލްގެ އިހުމާލުގެ ސަބަބުންނެވެ. އަދި ޕާކުތައް މަރާމާތުކޮށް ބަލަހައްޓާނެ ބަޖެޓެއް ނެތުމުން ޕްރައިވެޓް ޕާޓްނާޝިޕް އުސޫލަށް ދިއުމަށް ވިސްނާ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއިރު، އެ މަސައްކަތް ބަޔަކާ ހަވާލު ކުރެވި ޕާކުތައް ބެލެހެއްޓިފައެއް ނުވެ އެވެ.
ޕާކުތައް ބަލަހައްޓާނެ ބަޖެޓެއް ނެތް ކަމަށް ރައީސް މުއިއްޒު މޭޔަރު ކަމުގައި ވިދާޅުވިއިރު، މާލެ ސިޓީން ބޮޑެތި ހަރަދުކޮށްގެން އޭރު ސްޓާފް ނައިޓެއް ބޭއްވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.
Comment