Advertisement

ބަޒާރުގައި މިރުސް ތިޔާގި، އެހެނަސް ވިޔަފާރި ދަށް

6 މާރިޗު 2025 - 17:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި މިރުސް ތިޔާގިވެފައި: މިރުހުގެ ވިޔަފާރި ދަށްކަމަށް ވިޔަފާރިވެރިން ބުނޭ -- އަދަދު ފައިލް ފޮޓޯ


ބަޒާރުގައި މިރުސް ތިޔާގި، އެހެނަސް ވިޔަފާރި ދަށް

6 މާރިޗު 2025 - 17:16 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިރުސް ތިޔާގި ނަމަވެސް، ވިޔަފާރި ދަށް ކަމަށް ބައެއް ގޮޅިތައް ހިންގާ މީހުން ބުނެފި އެވެ.

ބާޒާރުގައި މައިގަނޑު ގޮތެއްގައި ލިބެން ހުރީ ކަނޑޫދޫ މިރުހާއި ލ. އަތޮޅުން ގެންނަ މިރުހެވެ. ދެ ބާވަތުގެ މިރުހުގެ 100 ގްރާމު މިއަދު ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދު އެވެ. އަދި މިރުސް ކިލޯއެއް ލިބެން ހުރީ 170ރ. އަށެވެ.

ރޯދަ މަސް ފެށުނު ފަހުން މިރުހުގެ 100 ގްރާމް 30ރ. އަށް ވުރެ މައްޗަށް ނުދެ އެވެ. އެކަމަކު މިދިޔަ ރޯދަ މަހު މިރުހުގެ 100 ގްރާމް 80ރ. އަށް ވެސް އަރައިގެންދިޔަކަން ފާހަގަކުރެވެ އެވެ.

އަދަދު އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ މި ފަހަރުގެ ރޯދަ މަހު މިރުސް ގަންނަ މިންވަރު މިދިޔަ ރޯދަ މަހަށް ވުރެ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުނުއިރު ގެނައި މިރުސްތައް އަދިވެސް އެއްކޮށް ނުވިކޭ ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ ރޯދަ މަހު ވަރަށް އަވަހަށް މިރުސް ވިކި ހުސްވޭ. މިފަހަރު އެކަމަކު ވަރަށް މަދު ވިކޭލެއް. ދިވެހިން މި ރޯދަ މަހު މިރުސް ނުކަނީ ކަންނޭގޭ. ނޫނީ ގަންނާނެ ފައިސާއެއް ނެތީ ކަމަށް ވެސް ވެދާނެ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ މިދިޔަ ރޯދަ މަހާ ހިލާފަށް ލ. އަތޮޅާއި ކަނޑޫދޫ އިން އެއްފަހަރާ އެއް މިންވަރަކަށް މިރުސް ލިބޭތީ ބާޒާރުގައި މިރުސް ތިޔާގި ކަމަށެވެ.

އެއާ އެކު ބާޒާރުގައި ހުރި ހުރިހާ ގޮޅިއަކަށް މިރުސް ދަތިކަމަކާ ނުލާ ލިބޭތީ، ވިކޭ މިންވަރު ދަށްވަނީ ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިދިޔަ ރޯދަ މަހު ކަނޑޫދޫގެ އިތުރުން ލ. އަތޮޅުން މިރުސް ގެނައުމުގައި ދަތިތަކެއް ހުއްޓެވެ. އެގޮތުން ބައެއް ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން ވެސް މިރުސް ގެންނަން ދަތިވި އެވެ.

ރޯދަ މަހު ބާޒާރުގައި އެންމެ އަގުބޮޑުކޮށް ހުރި ކާށީގެ އަގު މިއަދު ހުރީ 50ރ. އަށެވެ. އިއްޔެ ބާޒާރުގައި ކާށީގެ އަގު 60ރ. އަށް ވެސް އަރައިގެންދިޔަ އެވެ. ނަމަވެސް ބާޒާރުގައި ހުރި ގިނަ ބާވަތްތަކުގެ އަގު ހުރީ އިއްޔެއާ އެއް އަދަދެއްގައި ހިފެހެއްޓިފަ އެވެ.