އަސީރުން މިނިވަން ނުކޮށްފިނަމަ ގާޒާގެ އެންމެން މަރާލާނެ ކަމުގެ އިންޒާރު ޓްރަމްޕު ދީފި

6 މާރިޗު 2025 - 07:43 0


އަސީރުން މިނިވަން ނުކޮށްފިނަމަ ގާޒާގެ އެންމެން މަރާލާނެ ކަމުގެ އިންޒާރު ޓްރަމްޕު ދީފި

6 މާރިޗު 2025 - 07:43 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދިޔަ ނަސްލުހޭދަ މެދުކަނޑާލަން ވި އެއްބަސްވުމުގައި ވާ ގޮތަށް ހައްޔަރުކޮށްފައިވާ ހުރިހާ އަސީރުން މިނިވަން ނުކޮށްފިނަމަ އިޒްރޭލަށް ގާޒާ ސުންނާފަތި ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ފޮނުވާނެ ކަމަށް ވިދާޅުވެ ގާޒާގައި އުޅެމުންދާ ހުރިހާ ރައްޔިތުން މަރާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފި އެވެ.

"އިޒްރޭލަށް މި ފޮނުވަނީ އެ މަސައްކަތް ނިންމަން ބޭނުންވާ ހުރިހާ ކަމެއް، އަހަރެން ބުނާ ގޮތަށް ކަންތައް ނުކޮށްފިނަމަ ހަމާސްގެ އެންމެ މެމްބަރަކުވެސް ސަލާމަތެއް ނުވާނެ،" ޓްރަމްޕު އިންޒާރު ދެއްވި އެވެ.

ހަމާސްއާ އެކު ވައިޓް ހައުސްއިން ދަނީ އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގްރޫޕްތަކާ އެކު މީގެކުރިން އެމެރިކާ ސަރުކާރުން ސީދާ މަޝްވަރާތައް ނުބާއްވަ އެވެ.

ގާޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް ޓްރަމްޕު އިންޒާރު ދެއްވި އެވެ. އެ އިންޒާރުތަކާ މެދު ރަނގަޅަށް ވިސްނުމަށް ފަހު ގޮތެއް ނިންމުމަށް ޓްރަމްޕު އެދިވަޑައިގަތެވެ.

"ގާޒާގެ ރައްޔިތުންނަށް: އުފާވެރި މުސްތަގުބަލެއް އިންތިޒާރުގައި އޮތްއިރު، އެކަމަކު އަސީރުން މިނިވަން ނުކޮށް ހިފަހައްޓައިފިނަމަ އެ މުސްތަގުބަލެއް ނެތް. ހިފަހައްޓައިފިނަމަ ތި އެންމެން މަރުވާނެ،" ޓްރަމްޕު އިންޒާރު ދެއްވި އެވެ.

މިއީ ޓްރަމްޕު ހަމާސްއަށް އިންޒާރު ދެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އަދި، ގާޒާގެ ރައްޔިތުން އެ ތަނުން ބާލާނެ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ރައީސް ޓްރަމްޕުގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުންދާ ދިވެހިރާއްޖެއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.