Advertisement

ޕީއެންސީ މަޖިލިސް މެންބަރުންނަށް އާސަންދަ ހަމަޖައްސަން ހާއްސަ ޑެސްކެއް ގާއިމުކޮށްފި

6 މާރިޗު 2025 - 12:06 5

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ: ޕީއެންސީ މެންބަރުން ބޭނުންވާ ބަޔަކަށް ހިދުމަތް ދޭން ވަކި ޑެސްކެއް ވަނީ ހަމަޖައްސައިފަ -- ފޮޓޯ: އާސަންދަ ވެބްސައިޓު


ޕީއެންސީ މަޖިލިސް މެންބަރުންނަށް އާސަންދަ ހަމަޖައްސަން ހާއްސަ ޑެސްކެއް ގާއިމުކޮށްފި

6 މާރިޗު 2025 - 12:06 5

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދޭން، އާސަންދަ އޮފީހުގައި ހާއްސަ ޑެސްކެއް ގާއިމުކޮށްފި އެވެ.

އާސަންދަ ހިންގާ ގޮތުގެ މައުލޫމާތު އެނގޭ މީހަކު، އަދަދު އާ ވާހަކަ ދައްކަވަމުން ބުނީ ހަމައެކަނި ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދޭން ވަކި މުވައްޒަފުންތަކެއް ހާއްސަ ކުރީ ފެބްރުއަރީ 1، ގައި ކަމަށެވެ.

"ޕީއެންސީ މެންބަރުން ވަރަށް ބޮޑަށް ޝަކުވާ ކުރޭ އެމީހުންގެ ރިކުއެސްޓުތައް ވަގުތުން ވަގުތަށް ހަމަނުޖެހޭތީ. އެ މައްސަލައިގަ އެމްޑީ [އައިމިނަތު] ޒީނިޔާ ހުރިހާ މުވައްޒަފުންނާ ވެސް ބައްދަލު ކުރި. މުވައްޒަފަކު އެހި ދެން އެހެންވީމާ ކިހިނެއްހޭ ހަދަންވީ ޕީއެންސީ މެންބަރުންގެ ރިކުއެސްޓުތަކަށް. އެ ބައްދަލުވުމުގައި ޒީނިޔާ ވިދާޅުވީ ހަދަންވީ ގޮތެއް ފަހުން ބުނާނަމޭ،" އޭނާ ވިދާޅުވި އެވެ.

އާސަންދަ އޮފީހާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ސިޔާސީ ގޮތުން ކަންކަން ހަމަޖައްސައިދޭން މަޖިލިސް މެންބަރުންގެ ފަރާތުން އަބަދުވެސް އެ އޮފީހަށް ރިކުއެސްޓު އަންނަ ކަމަށެވެ. އެކަމަކު، މިއީ ވަކި ބަޔަކަށް ހާއްސަކޮށް ހިދުމަތް ދޭން މުވައްޒަފުން ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށް އޭނާ ބުންޏެވެ.

"މެންބަރުން އަބަދު ވެސް ގުޅާނެ. މެންބަރު ނުގުޅިޔަސް އާސަންދަ ހަމަޖެހެން ހުންނަ ކަންކަމުގައި ވެސް ގުޅާނެ. މިހާރު ވެސް ހަމަ ވަނީ އެހެން. އެކަމަކު، ވަކި ޕާޓީއެއްގެ މެންބަރުންނަށް ހިދުމަތް ކުރަން މުވައްޒަފުން ހަމަޖެއްސި ފުރަތަމަ ފަހަރު މިއީ،" އޭނާ ބުންޏެވެ.

އާސަންދައިގެ މެނޭޖިން ޑައިރެކްޓަރު ޒީނިޔާ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް މި ހަބަރަކަށް ނުލިބުނެވެ.

ޕީއެންސީ މެންބަރުންނަށް ހިދުމަތް ދޭން ވަކި ހާއްސަ ޑެސްކެއް އާސަންދަ އޮފީހުގައި ކަނޑައެޅިއިރު، މެންބަރުންނަށް ހާއްސަކޮށްފައިވާ އިންޝުއަރެންސް ސްކީމުން ހިދުމަތް ލިބުމުގައި "ތަކުލީފު" އުފުލަންޖެހޭ ކަމަށް ބުނެ ވެސް ޕީއެންސީ މެންބަރުން ވަނީ މިފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ޝަކުވާކޮށްފަ އެވެ.

"އެއީ އިންޑިއާއަށް އަޅުގަނޑު ކުރި ދަތުރެއްގައި އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑުގެ މެޑިކަލް ހުރިހާ އެއްޗެއް ހުށަހެޅި، ހުށަހެޅީމާ ރިޖެކްޓް ކުރީ. އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްސްއެޕް ކޮށްލިން އަޅުގަނޑަކީ މެންބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ތިބޭފުޅުންނަކަށް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ،" ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ފެބްރުއަރީ 17، ގައި ވިދާޅުވި އެވެ.

ހިލޭ ބޭސް ފަރުވާ ކުރެވޭ ނިޒާމު އާސަންދައިން ހިދުމަތް ދިނުމުގައި ޕީއެންސީގެ މީހުންނަށް އިސްކަންދޭން ފެށިއިރު، ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ.

ރަނގަޅު ފެންވަރެއްގެ ސިއްހީ ފަރުވާ ލިބުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށް ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައި އޮވެ އެވެ. އަދި އެއްވެސް އަސާސީ ހައްގެއް ފޯރުކޮށްދިނުމައި ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށް އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައި އޮވެ އެވެ.