5 މާރިޗު 2025 - 04:50 0
5 މާރިޗު 2025 - 04:50 0
މެޑްރިޑް (މާޗް 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، އާސެނަލުން ރަށުންބޭރުގައި ޕީއެސްވީ އައިންދޯވަން އަތުން 7-1 އިން މޮޅުވެ، ކުއާޓާ ފައިނަލުގެ ޖާގަ އަކާ ގާތަށް ޖެހިލައިފި އެވެ.
ސެންޓިއާގޯ ބާނަބައުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓްގައި ރެއާލުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެތުލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ރެއާލުގެ ރޮޑްރީގޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ ރެއާލްގެ އޭރިއާ އަރިމަތިން އެޑޮއާޑޯ ކަމަވިންގާ ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، ހޫލިއަން އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން އެތުލެޓިކޯ އަށް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އެކަމަކު އެންޓޮނީ ގްރީޒްމަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.
މެޗުން މޮޅުކޮށްދިން ގޯލު ރެއާލަށް މެޗުގެ 55 ވަނަ މިނިޓްގައި ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. މިއީ، އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ބްރަހިމް ޑިއާޒް ކާމިޔާބު ކޮށްދިން ގޯލެކެވެ. މި ލަނޑާ އެކު މެޗުން މޮޅުވެ، ރެއާލް ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 300 މޮޅު ހަމަކުރި ފުރަތަމަ ކްލަބް އަށެވެ.
ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓްގައި އާސެނަލަށް ލީޑު ނަގައިދިނީ ޔޫރިއަން ޓިމްބާ ޖެހި ގޯލުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން އާސެނަލްގެ ލީޑު ފުޅާކޮށްދިނީ އީތަން ންވަނޭރީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް ތިން ވަނަ ގޯލު ޖަހައިދިނީ މިކޭލް މެރިނޯ އެވެ.
އެކަމަކު، ލިބުނު ޕެނަލްޓީ އަކުން މެޗުގެ 43 ވަނަ މިނިޓްގައި ނޯ ލަންގް ވަނީ ޕީއެސްވީ އަށް ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ދެ ގޯލު ޖެހިއިރު, ލެއަންޑްރޯ ޓްރޮސާޑް އަދި ރިކާޑޯ ކަލަފިއޯރީ ގޯލެއް ޖެހި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑުން 1-1 އިން ލިލްއާ އެއްވަރުވިއިރު، ކްލަބް ބްރޫޖް ދަނޑުގައި އެސްޓަން ވިލާ ވަނީ 3-1 އިން މޮޅުވެފަ އެވެ.
Comment