ރޯދައަށް ވެސް އައްޑޫ ކަރަންޓު މައްސަލަ ހައްލެއް ނުވި، މިއަދު ވެސް އެކި ހިސާބުތަކުން ކަރަންޓު ކަނޑަނީ

4 މާރިޗު 2025 - 12:37 1

އަހުމަދު އާއިދު

އ

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަގެއް ހަދަނީ : އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދުވެސް ކަރަންޓު ކެނޑި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރޯދައަށް ވެސް އައްޑޫ ކަރަންޓު މައްސަލަ ހައްލެއް ނުވި، މިއަދު ވެސް އެކި ހިސާބުތަކުން ކަރަންޓު ކަނޑަނީ

4 މާރިޗު 2025 - 12:37 1

އައްޑޫ ސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށުގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި ރޯދަމަހުވެސް އެ ސިޓީގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ފަށައިފި އެވެ.

އެ ސިޓީގައި ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި ފެނަކައިން މީގެ ކުރިން ބުނީ ރޯދައަށް މައްސަލަ އެކީ ހައްލުވާނެ ކަމަށެވެ. މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެނަކައިން ބުނީ ފެބްރުއަރީ 17، ގަ އެވެ.

ނަމަވެސް، ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ވެރިކަންކުރާ ޕީއެންސީން މިވަގުތު އެކަހެރިކޮށްފައިހުރި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރޯދައަށް ހައްލުކުރަން ބުނި މައްސަލަ އަދިވެސް ހައްލުވެފައި ނުވާ ކަމަށެވެ.

ފެނަކައިން ކަރަންޓު ކަނޑާނެ ކަމަށް ބުނެ ފޮނުވި މެސެޖުތަކެއްގެ ސްކްރީންޝޮޓު ވެސް އޭނާ ހިއްސާކޮށްފައިވެ އެވެ. އަދި، އައްޑޫއަށް ބޭނުންވާ ވަރަށް ކަރަންޑު އުފައްދަން އިންޖީނުތައް ނުގެންދެވެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މިކަމާ ގުޅިގެން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އަނެއްކާވެސް ކަރަންޓު ކެނޑެން ފެށީ މައްސަލަ ޖެހުނު ތިން ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އަނެއްކާ ވެސް ހަމަ އެ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހިގެން ކަމަށެވެ. މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ފެނަކައަށް ބުނެނުދެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފެނަކައިން ދެން ބުނާނެ މާބޮޑު އެއްޗެއް ނޯންނާނެތާ. ބުނާ އެއްޗަކަށް އަޅުގަނޑުމެން އިތުބާރެއް ވެސް ނުކުރަން. އަޅުގަނޑުމެން ނެތިން ފެނަކައިން ބުނާ އެއްޗެއް އަޑުއަހާކަށް ވެސް،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ. މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިން ނަމަވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލަ ކުރެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދަތިތައް ދިމާވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.