Advertisement

ރައީސް މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފި

4 މާރިޗު 2025 - 14:34 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ތަޅުމުގައި:


ރައީސް މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފި

4 މާރިޗު 2025 - 14:34 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި، ވަޒީރަކު ވެސް އަދި ސަރުކާރު ކުންފުންޏެއްގެ ވެރިޔަކު ވެެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ޕީއެންސީ ޕީޖީ ގްރޫޕަށް އަންގައިފި އެވެ.

އަދަދު ނޫހަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ރައީސްގެ ފަރާތުން އެ އެންގުން އެންގެވީ މިދިޔަ ހަފުތާގައި އޮތް ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެވެ. ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން އެކަން މި ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.

"ރައީސްގެ ހުއްދަ ނެތި އެއްވެސް ވަޒީރެއް ވެސް އެއްވެސް ކޮމްޕެނީއެއްގެ އެމްޑީއެއް ވެސް މަޖިލިސް އަށް ހާޒިރު ނުކުރަން އެންގީ،" ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

މިފަދަ ނިންމުމެއް ނިންމަވައި ޕީއެންސީގެ މެންބަރުންނަށް ރައީސް އަންގަވާފައިވާއިރު، ރައީސްގެ ހުއްދައެއް ނެތި ސަރުކާރުގެ ވަޒީރުންނާ ބައްދަލު ކުރުން ވެސް މިދިޔަ ޖެނުއަރީ 30، ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލިސް މެންބަރުންނަށް މަނާ ކުރައްވައިފަ އެވެ. މަޖިލިސް މެންބަރުން ވަޒީރުންނާ މިހާރު ބައްދަލު ކުރަން ޖެހެނީ ރައީސް އޮފީސް މެދުވެރިކޮށް އެޕޮއިންޓްމެންޓެއް ހަމަޖައްސައިގެންނެވެ.

ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އެމްޑީން ރައީސްގެ ހުއްދަ ނެތި މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފައި މިވަނީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިއަކަށް އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ގާނޫނަށް އިސްލާހު ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.

ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓާ ގުޅިގެން ޕީއެންސީގެ ބައެއް މެންބަރުންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން ޕީއެންސީން ތްރީ ލައިން ވިޕެއް ނެރެގެން ފާސްކުރި އެ ބިލަށް ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވޯޓު ނުދެެއްވި މައްސަލައިގައި އޭނާ މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދެވި ދެ ކޮމިޓީން ވަނީ ވަކި ވެސް ކޮށްފަ އެވެ.