4 މާރިޗު 2025 - 09:01 0
މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރެއް ބާލަނީ: ޖެނުއަރީ މަހުގެ ތެރޭގައި ތިން ގައުމަކުން ބިލިއަން ރުފިޔާއަށް ވުރެ ގިނަ މުދާ އިމްޕޯޓުކުރި -- އަދަދު ފައިލް ފޮޓޯ
4 މާރިޗު 2025 - 09:01 0
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުރީ އަހަރުގެ ޖެނުއަރީއާ އަޅައިބަލާއިރު އިމްޕޯޓު ކުރި މުދަލުގެ އަގު މައްޗަށް ދިޔަ ނަމަވެސް, އެކްސްޕޯޓާއި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން އިއްޔެ އާންމުކޮށްފައިވާ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުގައި ޖެނުއަރީގައި 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތެލުގެ އިމްޕޯޓުތައް ކަނޑާލާފައި އިމްޕޯޓު ކުރި މުދަލުގެ އަގު އަޅައިބަލާއިރު, ޖެނުއަރީގައި އިމްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 400 މިލިއަން ރުފިޔާ އިތުރެވެ.
އިމްޕޯޓު މައްޗަށް ދިޔަ ނަމަވެސް ކަސްޓަމްސްއަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ ޖެނުއަރީއަށް ވުރެ ދަށެވެ. މި ޖެނުއަރީގައި ކަސްޓަމްސްއަށް 287 މިލިއަން ރުފިޔާ ލިބުނުއިރު, މިދިޔަ އަހަރުގެ ޖެނުއަރީ ނިމުނުއިރު ޑިއުޓީ އާމްދަނީއަށް 314 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އާމްދަނީ ދަށްވީ އެއް ސަބަބަކީ, އިގުތިސޯދީ މާހިރުން ބުނާ ގޮތުގައި, މި އަހަރު އަމަލުކުރަން ފެށި މޯލްޑިވްސް-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓެވެ. ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކޮށްފާއިރު, އެފްޓީއޭއާއެކީ އެ ގައުމުން މުދާ އެެތެރެކުރުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން އެނގެ އެވެ.
އެ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީގައި ޗައިނާއިން އެތެރެކުރި މުދަލުގެ އަގަކީ 671 މިލިއަން ރުފިޔާ އެވެ. މި އަަހަރުގެ ޖެނުއަރީގައި އެ އަދަދު ވަނީ 1.04 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 55 ޕަސެންޓުގެ އިތުރުވުމެކެވެ.
އާމްދަނީ ދަށްވީ އެހެން ސަބަބެއް ކަމަށް ބުނަމުން އަންނަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކީ ސިނގިރޭޓު އިމްޕޯޓު ދަށްވުމެވެ. ނަމަވެސް ކަސްޓަމްސްއިން ތަފުސީލީ ތަފާސްހިސާބުތައް އާންމުނުކުރާތީ މިއަށް ބާރުދޭ ރަސްމީ މައުލޫމާތެއް ނެތެވެ.
ނިމުނު ޖެނުއަރީގައި އެކްސްޕޯޓު ކުރި މުދަލުގެ އަަގަކީ 144 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެކްސްޕޯޓު ކުރި 173 މިލިއަން ރުފިޔާގެ މުދަލާ އަޅައިބަލާއިރު, 16 ޕަސެންޓުގެ ވެއްޓުމެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment