Advertisement

އޭސީސީން ބަލަމުންދާ ކަމަށް ބުނާ ފޭކު މައްސަލައިގެ ސިޓީ ޖޭއެސްސީއަށް ރައްދުކުރީ އާންމު އުސޫލުގެ ބޭރުން އަތުން އަތަށް

4 މާރިޗު 2025 - 11:39 4

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އޭސީސީގެ ރައީސް ޝާމިލް. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަން ނައްތާލުމުގައި އޭނާގެ ރައީސް ކަމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވޭ ---


އޭސީސީން ބަލަމުންދާ ކަމަށް ބުނާ ފޭކު މައްސަލައިގެ ސިޓީ ޖޭއެސްސީއަށް ރައްދުކުރީ އާންމު އުސޫލުގެ ބޭރުން އަތުން އަތަށް

4 މާރިޗު 2025 - 11:39 4

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފަންކުރި ފޭކު މައްސަލަ ބަލަމުންދާ ކަމަށް ބުނެ ފޮނުވި ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްދު ކުރީ އާންމު އުސޫލުތަކާ ހިލާފަށް އަތުން އަތަށްކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ބޭނުންކުރަނީ ގަވަމެންޓު އީ ލެޓާ މެނޭޖުމަންޓު ސިސްޓަމް (ޖެމްސް) އެވެ. ހުރިހާ ދައުލަތުގެ އިދާރާއެއް މި ސިސްޓަމުން ގުޅިފައިވާއިރު އެ ފަރުމާކޮށްފައި ވަނީ ސިއްރު ލިޔެކިޔުންތައް ވެސް ފޮނުވޭ ގޮތަށެވެ.

ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އޭސީސީން އުފަންކުރި އެ މައްސަލައިގެ ސިޓީ ހިފައިގެން ޖޭއެސްސީއަށް ދިޔުމަށް އޭސީސީގެ މުވައްޒަފަކު އެ އޮފީހުން ނުކުތީ 09:45 ހާއިރު ކަމަށާއި އޭނާއަށް ސިޓީ ހިފައިގެން ޖޭއެސްސީއަށް ވަދެވުނު އިރު ގަޑިން 10:00 ޖަހަނީ ކަމަށް "އަދަދު" ނޫހަށް ވަނީ އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފަ އެވެ.

އެ ސިޓީ އަތުން އަތަށް ރައްދު ކުރުމަށް އޭސީސީން ޖޭއެސްސީއަށް ފޮނުވީ ޖޭއެސްސީގެ ބައްދަލުވުމެއް އާންމު އުސޫލާ ހިލާފަށް އެ ދުވަހު ބާއްވާކަން އެނގިފައި އޮތުމުން ކަމަށް ބެލެވެ އެވެ.

ޖޭއެސްސީގެ ބައްދަލުވުން އާންމުކޮށް ބާއްވަނީ ކޮންމެ ބުދަ ދުވަހެއްގެ މެންދުރު 2:00 ޖަހާއިރެވެ. ނަމަވެސް އެ ދުވަހު ބައްދަލުވުން ބޭއްވީ 10:30 ގަ އެވެ. ބޭއްވީ ކުއްލި ޖަލްސާއެކެވެ. ކުއްލި ޖަލްސާއެއް ބާއްވަން ބޭނުންވަނީ ތިން މެންބަރެއްގެ ސޮޔެވެ. އެ ޖަލްސާއަށް ފޮނުވީ އެންމެ 13 މިނެޓުގެ ނޯޓިހެކެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލަން ކުޑަތަންވެފައި އޮއްވަ އެވެ. އެ ދުވަހުގެ 11:00 އަށް ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ވެސް ތާވަލުކުރި އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އެ އަޑުއެހުން ކެންސަލް ކުރީ އެވެ.

އުފަންކުރި މައްސަލައާ ގުޅިގެން ތަފާތު އެތައް ސުވާލެއް އަދަދު އިން އޭސީސީއާ ކުރުމުން ވެސް ބުނެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެއްވެސް އެއްޗެއް މިވަގުތު ބުނެވެން ނެތް ކަމަށެވެ.

"ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އެއްވެސް އެއްޗެއް މިވަގުތު ބުނެވެން ނެތް. ކުރި ހުރިހާ ސުވާލަކީ ވެސް ތަހުގީގާ ގުޅޭ ސުވާލުތައް،" އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭސީސީއާ އަމާޒުކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތެއް މިހާތަނަށް ސާފެއް ނުވެ އެވެ. އަދި ފަނޑިޔާރުން ސަސްޕެންޑުކުރުމާ އޭސީސީން މައްސަލަ ބަލަން ފެށި ވަގުތާ ދެމެދު ހިނގި ވަގުތެއް ސާފެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ފަނޑިޔާރު ހުސްނުއް ސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.