4 މާރިޗު 2025 - 05:36 0
އަހުމަދު ދާއޫދު
ޒުވާނުންގެ މެދުގައި ޓިކްޓޮކް މަގުބޫލުވެފައިވާއިރު، ގިނަ މައްސަލަތަކާ ވަނީ ކުރިމަތިވެފައި -
4 މާރިޗު 2025 - 05:36 0
ކުޑަކުދިންގެ ޒާތީ މައުލޫމާތު ބޭނުންކުރާ ގޮތާ ގުޅޭ ގޮތުން ޓިކްޓޮކާއި ރެޑިޓްގެ މައްސަލަ އިނގިރޭސިވިލާތުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ޕްރައިވަސީ ވޮޗްޑޮގް ކަމުގައިވާ އިންފޮމޭޝަން ކޮމިޝަނާސް އޮފީސް (އައިސީއޯ) އިން ވަނީ ޓިކްޓޮކް، ރެޑިޓް އަދި އިމްގަރ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ކުޑަކުދިންގެ ޕްރައިވެސީ ރައްކާތެރިކުރާ ގޮތާ ގުޅޭ ތަހުގީގެއް ފަށާފައިވަނީ މި ހަފުތާގަ އެވެ.
އައިސީއޯ އިން ބުނާ ގޮތުގައި ސޯޝަލް މީޑިއާ ކުންފުނިތަކުން ބޭނުންކުރާ ކޮމްޕްލެކްސް އެލްގޮރިދަމްތަކުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންދެނިވި ކޮންޓެންޓް އިތުރުވެގެން ދިއުމުގެ ފުރުސަތު އޮވެއެވެ.
މި ތަހުގީގުގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކް އެޕްލިކޭޝަނުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން އެ ކުދިންނަށް ކޮންޓެންޓް ހުށަހަޅާ ގޮތް ދެނެގަންނަ އިރު، ރެޑިޓް އަދި އިމްގަރ ފަދަ ޕްލެޓްފޯމްތަކުން ކުޑަކުދިންގެ އުމުރު ދެނެގަންނަ ގޮތް ވެސް ބަލާނެ އެވެ.
އައިސީއޯ އިން ބުނީ އެ ކުންފުނިތަކުން ގާނޫނާ ހިލާފުވެފައިވާކަމުގެ ހެކި ލިބިއްޖެ ނަމަ، އެކަން އެ ކުންފުނިތަކާ ހިއްސާކޮށް، އެ ފަރާތްތަކުގެ ބަހެއް ހޯދުމަށް ފަހު ނިހާއީ ނިންމުމަކަށް އާދެވޭނެ އެވެ.
ފާއިތުވި އަހަރު، އައިސީއޯ އިން ވަނީ ޓިކްޓޮކް 12.7 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފަ އެވެ. އެއީ 13 އަހަރުން ދަށުގެ ކުދިންގެ ޒާތީ މައުލޫމާތު، ބެލެނިވެރިންގެ ހުއްދައަކާ ނުލައި ބޭނުންކުރުމުގެ ސަބަބުންނެވެ.
ރެޑިޓްގެ ފަރާތުން ރޮއިޓާސްއަށް ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ދަނީ އައިސީއޯގެ ތަހުގީގަށް އެއްބާރުލުން ދެމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment