3 މާރިޗު 2025 - 07:14 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް އަޒާން ކެމްޕޭނު ކުރަމުން ދިޔައިރު ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒުއާއެކު. -- ފޮޓޯ: އަޒާން ކެމްޕޭން ޓީމް
3 މާރިޗު 2025 - 07:14 0
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން ވަކިކުރީ "ބާރުގަދަ ބައެއްގެ" ހިޔާނާތުގެ މައްސަލަތަކެއް ބަލަން އުޅޭތީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) މިއަދު އަޒާން ވަކިކޮށް، ލާފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށެވެ.
"އަހަރެން ކޮމިޓީން ވަކިކުރީ ބާރުގަދަ ބައެެއް ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ހިޔާނާތުގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ. މިގޮތުން ކޮމިޓީން ކުރަމުންދާ އެއް ކަމެއް، ސަރުކާރުގެ ކުންފުނިތަކުގެ ޕްރޮކިއުމެންޓު ދިރާސާކުރުން،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު އަޒާން "އަދަދު" ނޫހަށް ވިދާޅުވި އެވެ.
"އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ. އެތާ ފާއިތުވި އަހަރު ކުއްޔަން ތަކެތި ނަގައިގެން 65 މިލިއަން ސްޕެންޑުކޮށްފައިއިން ކަމަށް ދައްކާ. މިކަންކަން ބަލަން ފެށީމަ އެކި ދިމަދިމާލުން ޕްރެޝަރު އާދޭ ނުބަލަން. ހާއްސަކޮށް މިކަންކަމަުން އެކި ގޮތްގޮތުން ނަފާ ލިބޭ މީހުން."
ވަކި ހާއްސަ ކޮމިޓީއެއްގައި ނެތަސް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލައި ޒިންމާދާރު ކުރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އަޒާން ވިދާޅުވި އެވެ.
މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން އަޒާން ވަކިކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ. އެގޮތުން ބިލު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވެ، އަޒާން ވަނީ މަޖިލިސް ދޫކޮށް ގޮސްފަ އެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން އަޒާނަށް ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެ ދުވަހު ރަސްމީ ދަތުރެއްގައި ދ. އަތޮޅުގައި ހުންނެވި ރައީސް މުއިއްޒު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
މިއީ ވަޓްސްއެޕް ގްރޫޕުން ބޭރުކުރުމަށް ފަހު އަޒާނާ ދެކޮޅަށް ޕީއެންސީން އެޅި ފުރަތަމަ ފިޔަވަޅެވެ. ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި އަޒާނާ ދެކޮޅަށް ބަޔާނެއް ވެސް ނެރުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅު ހެދި ނަމަވެސް ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައިކަން އަޒާން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.
16.67%
16.67%
50.00%
16.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment