2 މާރިޗު 2025 - 23:16 1
އަހުމަދު އާއިދު
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު އެއްވުމެއްގައި ވާހަކަ ދައްކަވަނީ. އިދިކޮޅު ސިޔާސީ މަސައްކަތް ވަރުގަދަވާން ފެށުމާއެކު ދޫނިދޫ ހުރިހާ ގޮޅިއެއް ފުރާލާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އަދަދު
2 މާރިޗު 2025 - 23:16 1
އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރުގަދަ ވާން ފެށުމާއެކު މި ސަރުކާރުން ސިޔާސީން ބަންދުކޮށް ދޫނިދޫ ގޮޅިތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
އަދަދު ގެ ކުޅިކޮށް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބިރުދައްކާ އެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަކީ އެކި ފަހަރު އެކި ގޮތަށް ވާ ކަމެއް ކަމަށެވެ. މީހުން ހައްޔަރުކޮށްގެން އެކަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަ ޔަގީނުންވެސް ބޭނުންވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"މުއިއްޒު ބޭނުންވާނެ. 200 ޕަސެންޓު ޔަގީންކަން އެބައޮތް މުއިއްޒު ބޭނުންވާކަން މިހާރުވެސް ސިޔާސީ މަސައްކަތް ކޮށްލާ ކޮންމެ މީހަކު ޖަލަށް ލާފަ ބާއްވަން،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތެރޭގައި ރަނގަޅު މީހުން ތިބި ނަމަވެސް މި ސަރުކާރުގައި ފުލުހުންގެ އިދާރާ މެދުވެރިކޮށް ހިނގާފައިވާ "ދެރަވަރު" ކަންކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ނ. ހޮޅުދޫ ޒަކިއްޔާގެ މަރުގެ މައްސަލައާއި ބީއެމްއެލް އިން ބަގާވާތެއް ކުރި ކަމަށް ބުނެ ފެށި ތަހުގީގުގެ ވާހަކަ ޝިފާޒު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ސިޔާސީ މަސައްކަތް ފެށީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ޑރ. މުއިއްޒުއަށް ކެށްވާނެ ކަމަކަށެއް ސިޔާސީ މީހުން ޖަލަށް ނުލާ. ދޫނިދޫގެ ހުރިހާ ގޮޅިއެއް ފުރޭނެ،" ޑިމޮކްރެޓްސް ދޫކޮށް މި ފަހުން އެނބުރި އެމްޑީޕީއާ ގުޅުނު ޝިފާޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އަޅާފައިވާތީ ސިލްސިލާކޮށް ހަރަކާތްތައް ހިންގުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.
Comment