2 މާރިޗު 2025 - 14:01 0
މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރަކުން މުދާ ހުސްކުރަނީ: އިމްޕޯޓު ޑިއުޓީ ދަށްވީ މައްސަލައިގައި ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުރި -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
2 މާރިޗު 2025 - 14:01 0
ރާއްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ތަފާސްހިސާބުތައް ހިމެނޭ ކަސްޓަމްސްގެ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓު ޝާއިއުނުކުރާތާ ދޮޅު މަސް ދުވަސް ވެއްޖެ އެވެ.
ކަސްޓަމްސްއިން އެންމެ ފަހުން މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓެއް އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ އެވެ. އާންމުކޮށް ކަސްޓަމްސްއިން މި ރިޕޯޓު ޝާއިއުކުރަނީ ޖެހިގެން އަންނަ މަހުގެ މެދު ތެރޭގަ އެވެ.
މަންތުލީ ސްޓްޓިސްޓިކްސް ރިޕޯޓު ޝާއިއުނުކުރާ ސަބަބު ސާފުކުރަން އަދަދު އިން މިދިޔަ ހަފުތާގައި ސުވާލުކުރުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު ބުނީ ރިޕޯޓު ލަސްވަނީ އެހެން ބައެއް މަސައްކަތްތައް ހުރުމާއެކީގައި ކަމަށެވެ. އަދި ވަރަށް އަވަހަށް ޝާއިއުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިދިޔަ މަސް ނިމުނުއިރު ވެސް, މި އަހަރުގެ ޖެނުއަރީ މަހުގެ ރިޕޯޓެއް އެ އިދާރާއިން ޝާއިއުނުކުރެ އެވެ.
އިމްޕޯޓު އެކްސްޕޯޓު ތަފާސްހިސާބުތައް ފެންނަން ނެތް އިރު, އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ކުރީ އަހަރަށް ވުރެ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަށްވެފައިވާ މައްސަލައިގައި އެކި ގޮތްގޮތަށް އަންނަނީ ވާހަކަތައް ދެކެވެމުންނެވެ.
އެއް ބަޔަކު ބުނާ ގޮތުގައި މިއީ ޖެނުއަރީން ފެށިގެން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓު (އެފްޓީއޭ) އާ ގުޅިގެން ދިމާވި ކަމެކެވެ. ނަމަވެސް ސަރުކާރުން މި ވާހަކަތައް ދޮގުކުރެ އެވެ.
މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑިއުޓީ އާމްދަނީ ދަށްވުމާއި އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށެވެ. އަދި މިކަމަށް ބާރު ދެއްވަން ޗައިނާއިން ގެނައި މުދަލުގެ އަގާއި ޑިއުޓީ މައާފުވި އަދަދުތައް ވެސް އޭނާ ހިއްސާކުރެއްވި އެވެ.
ޑިއުޓީ އާމްދަނީ ދަށްވީ އެހެން ސަބަބެއް ކަމަށް ބުނަމުން އަންނަނީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާއެކު ސިނގިރޭޓު އެތެރުކުރާ މިންވަރު މަދުވުމުމެވެ. މިކަމާ ގުޅުވާ ސައީދު އެ ދުވަހު ވިދާޅުވީ އެކަން ޖެހޭނީ އިތުރަށް ސާފުކުރަން ކަމަށެވެ.
Comment