ޕްލިމަތުގެ ހުވަފެނީ ދަތުރު ނިމުމަކަށް ގެނެސް ސިޓީ އެފްއޭ ކަޕްގެ ކުއާޓާ އަށް

2 މާރިޗު 2025 - 06:15 0


ޕްލިމަތުގެ ހުވަފެނީ ދަތުރު ނިމުމަކަށް ގެނެސް ސިޓީ އެފްއޭ ކަޕްގެ ކުއާޓާ އަށް

2 މާރިޗު 2025 - 06:15 0

މެންޗެސްޓާ (މާޗް 2) - މި ފަހަރުގެ އެފްއޭ ކަޕްގައި ތަފާތު ނަތީޖާތަކެއް ނެރެމުން އައި ޕްލިމަތު އާގައިލް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ، އެ ޓީމު ކަޓުވާލައި މެންޗެސްޓާ ސިޓީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ރެލިގޭޝަނުގައި އޮތް ޕްލިމަތުން ވަނީ މި ފަހަރުގެ އެފްއޭ ކަޕްގައި ބްރެންޓްފޯޑް އާއި ލިވަޕޫލް ކަޓުވާލައިފަ އެވެ. ރޭ ސިޓީ ދަނޑުގައި ވެސް ލީޑުނެގީ ޕްލިމަތުންނެވެ. އެ ޓީމަށް މި ލަނޑު ޖަަހައިދިނީ، މަކްސީމް ޓަލޯވިއެރޯވް އެވެ.

އެހެން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީން ވަނީ ޒުވާން ޑިފެންޑަރު، ނިކޯ އޯރައިލީ ބޮލުން ޖެހި ގޯލުން އެއްވަރުކޮށްފަ އެެވެ. މިއީ، ކެވިން ޑި ބްރޭނާ ހިލޭ ޖެހުމަކުން ނަގައިިދިން ބޯޅައަކަށް އަރައި އޯރައިލީ ޖަހައިދިން ގޯލެކެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ސިޓީން ފުލުފުލުގައި އެޓޭކްތައްކޮށް، ޕްލިމަތު ފަހަތަށް ޕްރެޝަރު ބޮޑުކުރަން ފެށި އެވެ. ސިޓީން ފޮނުވާލި ގިނަ ޝޮޓްތަކެއް ޕްލިމަތުގެ ކީޕަރު ކޮނާ ހަޒާޑް ވަނީ މަތަކޮށްފަ އެވެ.

ސިޓީ އަށް ލީޑުނަގައިދިން ގޯލު ޖެހީ ވެސް އޯރައިލީ އެވެ. މިއީ ކޯނަރަކުން ހުރަސްވި ބޯޅައަކުން އޯރައިލީ ބޮލުން ޖެހި ގޯލެކެވެ. އަދި، އޭގެ ފަހުން، ސިޓީ އަށް ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ، ޑި ބްރޭނާ އެވެ. މިއީ، އާލިން ބްރައުޓް ހާލަންޑް ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި ޑި ބްރޭނާ ޖެހި ގޯލެކެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ، އެސްޓަން ވިލާ، ކްރިސްޓަލް ޕެލަސް، ޕްރެސްޓަން ނޯތު އެންޑް އަދި ބޯންމައުތު އެވެ. ބާކީ ދެ ޖާގަ ކަނޑައެޅޭނީ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ކުޅޭ މެޗުންނާއި ނިއުކާސަލް ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗުންނެވެ.