ރާއްޖެ މަތީގައި އުފެދިފައިވާ ވިއްސާ ވިލާ ދައްކުވައިދޭ ސެޓްލައިޓު ފޮޓޯއެއް. -- މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް
މާލޭ ސަރަހައްދު ހިމެނޭހެން ބައެއް އަތޮޅުތަކަށް ހުއްޓުމެއް ނެތި ވާރޭ ވެހެމުންދާއިރު، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އޯރެންޖު އެލާޓު ނެރެފި އެވެ.
މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ފުރަތަމަ އޮރެންޖު އެލާޓު ނެރުނީ މިރޭ 9:45 ގަ އެވެ. އެއަށް ފަހު އެލާޓުގެ ވަގުތު ދެ ވަނަ ފަހަރަށް އިތުރުކޮށް، ހެނދުނު 7:00 އަށް ވަނީ އިތުރުކޮށްފަ އެވެ.
މި އެލާޓުގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފައިވެ އެވެ.
މެދު ކެނޑުމެއް ނެތި ވެހެމުންދާ ވާރޭގައި މާލެ އާއި ހުޅުމާލެ އަދި ބައެއް ރަށްރަށް ވަނީ ފެންބޮޑުވެފަ އެވެ. މާލޭގެ ބައެއް ގެތަކާއި ފިހާރަތަކަށް ފެން ވަދެ މުދަލަށް ވަނީ ގެއްލުން ވެފަ އެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނީ ކ. ހިންމަފުށި، ހުރާ، އަދި ގުރައިދޫ އަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ.
ތުލުސްދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެތަނުން ނަޖިސް ބޭރުވެފައިވާ ކަމަށް ވެސް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުންޏެވެ.
މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލުން ކުރަމުން ދާއިރު، އިމާރާތްތަކަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ވެސް ވަނީ ޖަހައިފަ އެވެ.
Comment