Advertisement

އިސްކޯގެ ގޯލުން ބެޓިސް އިން ރެއާލް ބަލިކޮށްފި

2 މާރިޗު 2025 - 00:56 0


އިސްކޯގެ ގޯލުން ބެޓިސް އިން ރެއާލް ބަލިކޮށްފި

2 މާރިޗު 2025 - 00:56 0

މެޑްރިޑް (މާޗް 2) - ސްޕެނިޝް ލީގުގައި މިރޭ އިސްކޯގެ ގޯލުން ރެއާލް ބެޓިސް އިން ފަހަތުން އަރައި 2-1 އިން ރެއާލް މެޑްރިޑް އަތުން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ލީގުގެ ރޭހުގައި ރެއާލަށް ވަނީ ވެއްޓުމަކާ ކުރިމަތިލާން ޖެހިފަ އެވެ. ބާސެލޯނާ، މި ވަގުތު އެއް ވަނައިގައި އޮތީ 25 މެޗުން 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލުން އެއް މެޗު އިތުރަށް ކުޅެގެން ވެސް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 25 މެޗުން 53 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި މާދަމާރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ، ރެއާލް ލީގުގެ ތިން ވަނަ އަށް ވެއްޓޭނެ އެވެ.

އަމިއްލަ ދަނޑުގައި ބެޓިސް އިން ކުޅުނު މި މެޗުގައި، އެ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މެންޗެސްޓާ ޔުނައިޓެޑްގެ ލޯން ޑީލެއްގައި ބެޓިސް އަށް ސީޒަނުގެ ބާކީ ބަޔަށް ބަދަލުވި، ބްރެޒިލްގެ އެންޓޮނީ އަށް ކުރިން މެޗުގައި ދެއްކި ރަތް ކާޑުގެ އެޕީލް ކާމިޔާބުވެ، އޭނާ އަށް މި މެޗުގައި ކުޅެވުމެވެ.

އެކަމަކު، މި މެޗުގައި ލީޑުނެގީ ރެއާލުންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ފާލަންޑް މެންޑީ ދިން ބޯޅައަކުން ރެއާލަށް މި ލަނޑު ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. މިއީ، މިދިޔަ ދެ އަހަރު ތެރޭ ލީގު މެޗެއްގައި މެންޑީގެ އެހީގައި ކުޅުންތެރިއަކު ލަނޑެއް ޖެހި ފުރަތަމަ ފަަހަރެެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯނީ ކާޑޯޒޯ، ބެޓިސް އަށް އެއްވަރުކޮށްދިނީ އިސްކޯ ދިން ބޯޅައަކުންނެވެ. އަދި، ކާޑޯޒޯ ވަނީ ބެޓިސް އަށް ލީޑުނަގައިދޭން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެކަމަކު، ކާޑޯޒޯ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުން ބެޓިސް މޮޅުވި ގޯލު އިސްކޯ ޖެހީ ދެ ވަނަ ހާފުގައި ޕެނަލްޓީ އަކުންނެވެ. ރެއާލަށް ގިނަ އަހަރުތަކެއް ކުޅެދިން އިސްކޯ މި ލަނޑު ޖެހި ޕެނަލްޓީ ލިބުނީ، ރެއާލްގެ އެންޓޯނިއޯ ރޫޑިގާ އެ ޓީމުގެ އޭރިއާތެރެއިން، ބެޓިސްގެ ޖެސޫސް ރޮޑްރިގޭޒަށް ފައުލުކުރުމުންނެވެ.